ރާއްޖެ ފުނޑިއްޖެ ކަމަށާއި ގައުމު ސަލާމަތް ކުރަން އެންމެން ނިކުންނަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ފުނޑިފައި ކަމަށާއި މަންޒަރު ބަލަން ތިބެވޭކަށް ނެތް ކަމަށެވެ. އަދި މިއީ އެންމެން އެކީ ތެދުވެ ޤައުމު ސަލާމަތް ކުރަން ނިކުންނަންވީ ވަގުތު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފައިވާކަމަށާއި އެއްވެސް ކަމެއް ސަރުކާރުން ހާމަނުކުރާކަމަށެވެ. އަދި ތަރައްޤީގެ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައިކަމަށާއި މީޑިޔާ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ކަމަށާއި އެވަރުން ފުދިއްޖެ ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި ނިކުންނާނެ ޕާޓީކަމަށާއި އެޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށެެވެ. ދިވެހި ރައްޔިތުން އެދޭ މިސްރާބަށް ގައުމު ގެންގޮސްދޭނީ އެމްޑީޕީންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ތިބޭފުޅުން ހިތްވަރާއެކު ތިއްބަވާ މިރެއިން މިރެއަށް ވެސް މިކަން ކުރަން ނިކުންނަން އަޅުގަނޑަށް ފެނޭ، ފަހަތަށް ޖެހި ވަގުތެއް ދީފިއްޔާ ދަމައިގަންނަވަރު ބޮޑުވާނެ، އަޅުގަނޑަށް ފެންނަނީ ރޭވުންތެރިކަމާއި އެކީގައި މިކަން އަވަހަށް ފަށަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުން މި ބޭނުންވާ މިސްރާބަށް މިގައުމު އަނެއްކާވެސް ގެންދެވޭނެ،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު އޭގެ ތަފްސީލެއް ވެސް މަޖިލިސް މެމްބަރުންނަށް ދީފައި ނުވާ ކަމަށެވެ. މިއީ ތަފްސީލެއް ދިނުމެއް ނެތި މަޖިލީހަށް ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް މި ސަރުކާރަށްވީ 8 މަސްތެރޭ ބާރު ސްޕީޑުގައި ހުސްކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ރަށެއްގައި ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން