އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް މިވަގުތު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވާ ކަންކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން ބުނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަ ނައިބު ހާމަކޮށްފައި ވަނިކޮށް މަޖިލީހުގެ އަމިއްލަ މެމްބަރެއް މެދުވެރިކޮށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް ދެކޭ ކަމަށެވެ.

“މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ.” ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންގެ މައްޗަށް ކޮމިޝަން އެކުލަވާލުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ހަމައެއާއެކު ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު ބަންދުވެ ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއް ނެތި ހިންގުމަށް ފަހިކުރާ ފުރުސަތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

“މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދަތަކަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސް އަޅައި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ހިމަނާފައިވާ މާއްދާތަކެކެވެ.” ބަޔާނުގައިވެއެވެ.

އޭގެ އިތުރުން އެމްޑީޕީން ބުނެފައިވަނީ ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ތާއިދުނުކުރާނެ ކަމަށެވެ.

“ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.” އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު މިއަދު މަޖިލީހަށް ހުށައެޅި ބިލުގައި ބުނެފައިވަނީ ބިލުގެ ސަބަބުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަވެ ނޫސްވެރިކަން ކުރުމަށް ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅިގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން