ކޮވިޑްގެ ތެރޭގައި ސަރުކާރަށް ލިބުނު އެހީއަށް ވީގޮތް ފެންނަން ހުންނާނެ ކަމަށާއި އެކަމުގައި ބަލަންޖެހޭ ކަމެެއް ނޯންނާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގައި ކޮވިޑްގައި ރާއްޖެއަށް ލިބުނު އެހީގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފަައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެެ. އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރުގައި ކޮވިޑް ތެރޭގައި ސަރުކާރަށް ލިބުނު ބޭރުގެ އެހީތަކަށް ވީގޮތް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި ކޮވިޑް ތެރޭގައި ދައުލަތަށް ލިބުނު އެހީތަކުން ޚަރަދުކުރިގޮތުގެ ތަފްސީލް އޭރު ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރަމުން ގެންދިޔަކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ އެ ފައިސާ ޚަރަދުކުރީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި އެކަމުގައި ބަލަން ޖެހޭ އިތުރު އެއްވެސް ކަމެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.



"މިހާރު ވެސް ތިބޭފުޅުން މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސަައިޓަށް ގޮސްފައި ބަލާލީމަ ފާހަަގަވާނެ އިކޮންމިކް ރެސްޕޮންސް ޓު ކޮވިޑް 19 ގައި އަޅުގަނޑުމެން އޭރު ކުރި ހުރިހާ ޚަރަދުތަކެއްގެ ތަފްސީލް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓްގައި އެހުރީ، އިތުރަށް އެބޭފުޅުން އޮޑިޓްކޮށްގެން ބަލަންޖެހޭ ކަމެއް ނޯންނާނެ. ވަރަށް ޓްރާންސްޕޭރެންޓްކޮށް ވަރަށް ހާމަކަންބޮޑުކޮށް އަޅުގަނޑުމެން ކުރަމުންދިޔަ ކަންތައްތަކެއް އެއީ،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ދައުލަތް ހިނގާ ގޮތާއި ދައުލަތުގެ ފައިނޭންސް މެނޭޖުކުރާ ގޮތާއި ހިލޭ އެހީ ލިބޭ ގޮތާއި ލޯނު ލިބޭ ގޮތް މި ސަރުކާރުގެ ވަޒީރު ބޭފުޅުންނަށް އެނގިވަޑަައިނުގަންނަވާ ކަމަށެވެ. އަމީރު ވިދާޅުވީ އެކަންކަންހިނގާ ގޮތް އެނގިވަޑަައިނުގަންނަވާނަމަ ކަންކަމާއި ހަވާލުވެވަޑައިނުގެން ގޭގައި ތިއްބެވުން މާ ރަނގަޅުވާނެ ކަމަށެވެ. ދައުލަތަށް ބޭރުން ލިބޭ އެހީތަކަށް ވާނުވާ ނޭނގޭ ކަމަށް ވިދާޅުވެ ސަރުކާރުގެ އިސްބޭފުޅުން ވާހަކަ ދެއްކެވުމަކީ ރާއްޖެއަށް ބައިނަލްއަގުއާމީ ގައުމުގެތަކުގެ އެހީ ރާއްޖެއަށް ލިބުން ދަތިވާނެ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ ކޮވިޑްގެ ތެރޭގައި ބޭރުގެ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ލިބުނު ކަމަށެވެ. އަދި އެފައިސާ ހޭދަކުރި ގޮތަށް ބަލާލާއިރު ކުރީގެ ސަރުކާރުން ހަދާފައިވާ ރިޕޯޓުތަކުން އޭގެން ހަރަދުކުރީ 4.2 ބިިލިއަން ރުފިޔާކަން އެނގޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ބާކީ އޮތް އަނެއް ހަތަރު ބިލިއަން ރުފިޔާއަށް ވީ ގޮތް ހޯދިފައިނުވާ ކަމަށާއި އެކަން ބެލުމަށް އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަަމަށް ސަޢީދު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ބޮޑު ޚިޔާނަތަކީ ފާހަގަކޮށްލެވޭ ބޮޑު މައްސަލައެކެެވެ. ދުބާއީގެ އެގްޒެކިއުޓާސްއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ. ސަރުކާރުން މިހާރު ވަނީ އެމައްސަލަައިގައި އާބިޓްރޭޝަނަށް ގޮސް ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖުމްލަ 32.5 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން