ކުރިއަށް އޮތް 4 އަހަރަކީ ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ ދުވަސްތަކެއްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވީ، ކުރިއަށްއޮތް 4 އަހަރު ސިއްހީ ދާއިރާއަށް ތަރައްްޤީއާއި ކުރިއެރުންތަކާއެކު ރާއްޖޭގެ ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާނެ ކަމަށެވެ.

"މި ވޭތުވެދިޔަ 1 އަހަރު ކުރެވުނު މަސައްކަތާއި އަޅުގަނޑުމެންނަށް ފަށައިގަނެވިފައި ހުރި ސިއްހީދާއިރާގެ މުހިންމު މަސައްކަތްތަކާއިއެކު ކުރިއަށްއޮތް 4 އަހަރު ވާނީ ދިވެހި ރައްޔިތުންނަށް ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ 4 އަހަރަށް، މާ އުފާވެރި ބާބެއް ދިވެހި ރައްޔިތުން އެބާބުގެ ސޮފުހާތައް ގަނޑަކަށްފަހު ގަނޑެއް ކިޔުއްވަމުން ގެންދަވާނީ ހިނިތުންވުމާއެކު ކަން އަޅުގަނޑަށް ޔަގީން،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުރީ އެންމެ ހަތަރު އަހަރުން ނިމޭގޮތަށް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީގެ 20 އަހަރު ފަހުން ދިވެހިރާއްޖެއަކީ ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމައެއް ދިރިއުޅޭ ގައުމަކަށްވާން ރައީސް ބޭނުންފުޅުވާ ކަމަށެވެ. އަދި ތަރައްޤީވެ ތަހުޒީބުވެފައި އޮތް ގައުމެއްގެ ގޮތުގައި ސިއްހީ ނިިޒާމް ބައްޓަންވެފައި އޮންނަ މިސްރާބަށް ޤައުމު ގެންދަން ރައީސް ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން މާލޭ ސަރަހައްދާއެކު އާބަން ސެންޓަރުތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތް ހަރުދަނާވެގެންދާނެ ކަމަށެވެ.

"އާބަން ސެންޓަރުތަކުގައި ހެލްތު ނިޒާމް އިތުރަށް ވަރުގަދަ ކުރެވި މާލެއަށް ގިނައިން ރިފާ ކުރަންޖެހޭ ޖެހުން މަދުކުރެވި އެއާއެކު މާލޭގެ ހޮސްޕިޓަލު ނިޒާމް ވަރުގަދަ ކުރެވި ދިޔުމުގެ ނަތީޖާއަކަށްވާނީ މުޅި ގަައުމުގެ ސިއްހީ ނިޒާމް އެއް ނިޒާމެއް އެއް ވިއުގަޔެއް ގޮތުގައި ވަރުގަދަ ކުރެވިގެންދިޔުން،"ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން