ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
މި ސަރުކާރަށް އެއް އަހަރުން އެއްކަމެއްވެސް ނުވި ކަމަށާއި އެހެންކަމުން ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޖިލީހުގެ މެންބަރުން މަންމަނުވުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް މިއަދު ވިދާޅުވީ ވެރިކަމުގެ އެއް އަހަރު ނިމުނުއިރު ރައްޔިތުންނަށާއި ގައުމަށް އެއްކަމެއް ވެސް ނުކޮށްދެވޭ ކަމަށެވެ.

އަދި ތިމާމެންގެ މޮޅުކަމާއި ގަދަކަން ދެއްކުމަށްޓަކައި ޓެކްސް ދައްކަން ތިބި މީހުންނާ ދެކޮޅަށް ޢަމަލު ކުރަނީ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ މެންބަރު އައްބާސް ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ އިތުރުން ރައީސް މުޢިއްޒަށް ފާޑު ވިދާޅުވަމުން އައްބާސް ވިދާޅުވީ ތިމަން މަނިކުފާނު މިހުރީ ރައްޔިތުންގެ ފަޅީގައި ކަމަށް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ޢަމަލުތައް ހުރީ ރައްޔިތުން ބަނޑަށް ޖެހިދާނެ މިސްރާބަކަށް ކަމަށެވެ.

“ވިޔަފާރިވެރިންތައް އިނދަ ޖައްސާލުން ނޫން ކަމެއް ނުކުރޭ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމުން ދާއިރު ރައްޔިތުން އިންތިހާބުކުރި މެންބަރުން މަންމަނުވެފައި ތިބުމަކީ ޤައުމަށް ޣައްދާރުވުން.” އައްބާސް ވިދާޅުވެފައިވެއެވެ.



އައްބާސް މިމޭރުމުން ވިދާޅުވެފައިވާއިރު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަން ލާޒިމްވާ ގޮތަށް ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލާފައެވެ.

އަދި އެ ގަވާއިދަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަދު ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

މި މައްސަލާގައި ބޮޑެތި ބައެއް ވިޔަފާރިވެރިން ދެކޮޅުހަދާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ގައުމުގެ އިގުތިސާދު ރަނގަޅުކުރަން ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރަންޖެހޭ ކަންކަން ކުރަށްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން