ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން
ސަރުކާރުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ނުކުޅެދުމުން ކުށްވެރިވާންވީ ބަޔަކީ ވިޔަފާރިވެރިންތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިބީދައިން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަން ލާޒިމްވާ ގޮތަށް ސަރުކާރުން އެކުލަވާލި ޤަވާއިދަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މޭސްތިރިން ދެކޮޅު ހައްދަވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މޫސާ މަނިކު ވިދާޅުވެފައިވަނީ ސިޔާސީ މީހުންނަށްވެ ތިބެގެން މިޤައުމަށް ޓުއަރިޒަމް ތަޢާރަފްކުރި މީހުންނަށް މަހުޖަނުންގެ ނަމުން ނަންދީ އެއްޗެތި ގޮވާތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މާޒީގައި ވިޔަފާރިވެރިން އުފުލި ބުރައާމެދު ސަރުކާރުން ވިސްނަންވާނެކަން މޫސަ ފާހަގަ ކުރެއްވިއެވެ.

“އަނގަމަތި މަސްދޯނިފަހަރުގައި ދަތުރުކޮށް ފަޅުރަށްރަށުގައި ބައިކިލޯ ޖަނަރޭޓަރާއި ބިގަރު ދިއްލައިގެން ކޮޓަރި ހަދައިގެން ފަތުރުވެރިކަން އާލާކުރީމަ، ސިޔާސީ މީހުން ނުކުމެ ގައުމުގެ ވެރިކަން ހޯދަން ވައުދުވެފަ ދެގެދޭތެރޭ އެއަރޕޯޓު އަޅާނަމޭކިޔާ ރައްޔަތުން ދަރުވައިފި.” މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ ވަނީ ސިޔާސީ މީހުންގެ ވަރު ހުރިނަމަ ވިޔަފާރިވެރިންނަށް މަޖްބޫރު ނުކޮށް ޑޮލަރު އެތެރެ ނުކުރަނީ ކީއްވެތޯވެސް ސުވާލު އުފައްދަވާފައެވެ.

“ލޯނު ނަގައިގެން އަނބުރާ ނުދެއްކުނީމަ އެއީ މިތިބަ ވިޔަފާރިވެރިންގެ މައްސަލައެއްތޯ؟” ފަތުރުވެރިކަމުގެ ދާއިރާގެ އާރުކާޓީންގެ ދިފާޢުގައި މޫސަ ވިދާޅުވެފައިވެއެވެ.



މޫސަ މިހެން ވިދާޅުވެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ލޯނެއް ނުދައްކައިގެން މޫސަގެ ހެވީ ލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ބޭންކުން މިހާރުވެސް ވަނީ އިޢުލާނު ކޮށްފައެވެ.

އެގޮތުން ބޭންކުން ވިއްކައިލަން އިއުލާނު ކޮށްފައިވަނީ ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ހިންގާ ފަރެސް އައިލެންޑް، ކުޑަ ފަރެސް އައިލެންޑް އަދި ބޮޑު ހުރާ އައިލެންޑެވެ. މި ތިން ރަށް ވިއްކާލަން ބީއެމްއެލްއިން އިޢުލާނު ކޮށްފައިވަނީ ހެވީލޯޑް ކުންފުނިން ނަގާފައި އޮތް 11 މިލިއަން ޑޮލަރު ލޯނަކަށް ފައިސާ ނުދެއްކުމުންނެވެ.

އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.

މޫސަ ވިޔަފާރިވެރިންގެ ދިފާއުގައި ނިކުމެވަޑައިގެންފައިވާއިރު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަދު ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

މި މައްސަލާގައި ބޮޑެތި ބައެއް ވިޔަފާރިވެރިން ދެކޮޅުހަދާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ގައުމުގެ އިގުތިސާދު ރަނގަޅުކުރަން ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރަންޖެހޭ ކަންކަން ކުރަށްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން