އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 ޕަސެންޓް ހޭދަ ކޮށްފައި އޮތީ ދޫކުރާ ބޭސްތަކަށް ކަމަށް ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އާސަންދައަށް ކަނޑައަޅާފައި އޮންނަ ބަޖެޓުގައި އެއްކޮށް ހުސްވެ އިތުރަށް ޚަރަދުކުރަންޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމް މިހާރު ވެފައި އޮތީ ދައުލަތުން އުފުލަންޖެހޭ އިގްތިސާދީ ބޮޑު ބުރައަކަށް ކަމަށާއި އެކަން އެހެންވާން ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

އެގޮތުން އާސަންދައަށް ކަނޑައަޅާ ބަޖެޓުގެ 60 އިންސައްތަ ޚަރަދުވަނީ ބޭހަށް ކަމަށާއި ރާއްޖޭގައި ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން ބޮޑު ކަމަށް ނާޒިމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަން އެހެން ދިމާވަނީ އެ ނިޒާމު ބަލަހައްޓަން ޖެހޭ ވަރަށް ނުބެލެހެއްޓުމުން ނުވަތަ އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މީގެ ކުރިން އާސަންދަ ނިޒާމް އިސްލާހު ކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ނުކުރީ ސިޔާސީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެތީ ކަމަށެވެ. ސިއްހީ ނިޒާމް ރަނގަޅު ކުރުމަަށް ވަށައިޖެހޭ ކަންތައްތަކެއްކޮށް، އާ ސިޔާސަތުތަކެއް ތަންފީޒު ކުރެވެން ޖެހޭ ކަމަށާއި އެމަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެކަމަކު ގަޔަށް ދޫ، ހައްޓަން ލުއި ސިޔާސަތުތަކެއް ކުރީގައި ގެންގުޅެވިފައި އޮތުމުގެ ސަބަބުން ނޫނީ ސިޔާސީ ގޮތުން އަދާކުރަންޖެހިދާނެ އަގެއްގެ ބޮޑުކަމުގެ ސަބަބުން ފަސް އެބުރި ބަލާލާ މި ނިޒާމް ގެންދެވެނީ ދިވެހި ރައްޔިތުން އެންމެ ލާބަޔާ މަންފާ ހުރި ގޮތުގައިތޯ މި ސުވާލު އުފައްދާނެ ސިޔާސީ މީހުން މަދުވިކަމީ ހިތާމަކުރަންޖެހޭ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން