ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕްނުކުރިނަމަ ތިން މަސްތެރޭގައި ރާއްޖެ ބަނޑަށް ޖެހުނީސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހުނު ކަމަށާއި ދައުލަތަށް ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ބޭރުން ލޯނު ނަގައި 8 ބިލިއަން ރުފިޔާ ޗާޕްނުކުރިނަމަ އެންމެ ތިން މަސްތެރޭގައި ރާއްޖެ ބަނޑަށް ޖެހުނީސް ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. ރައީސް ސާލިޙް ވިދާޅުވީ ޑޮލަރުގެ އަގާއި އިންފްލޭޝަން މައްޗަށް ދިޔައީ ފައިސާ ޗާޕްކޮށްގެން ކަމަށް ބުނަމުންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޗާޕްކޮށްގެން ނެރުނު 8 ބިލިއަން ރުފިޔާގެ ތެރެއިން 6 ބިލިއަން ރުފިޔާ ހުންނާނީ އަނބުރާ އޯވަރ ނައިޓް ޑިޕޮސިޓް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭގެ ބަހައްޓާފައި ޑިޕޮސިޓްގައި، އެ 6 ބިލިއަން ރުފިޔާ ވައްދާފައި ހުންނާނީ އެހެންވެގެން އޭރު އަގުތައް މައްޗަށް ނުދިޔައީ، ޑޮލަރުގެ އަގު ހިފެހެއްޓުނީ، މީގެ ތެރެއިން 80 ޕަސެންޓަކީ ބީއެމްއެލްގެ ފައިސާ. ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނެސް ސަރުކާރުން ނުފޫޒު ފޯރުވައި މިހާރު ކުރަން އުޅޭކަމަކީ ޑިޕޮސިޓްގައި ހުރި ފައިސާ ނަގައިގެން މާކެޓަށް ނެރުން،" ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ސާލިޙު ވިދާޅުވީ ކޮވިޑު ތެރޭގައި ފައިސާ ޗާޕްނުކުރިނަމަ ރާއްޖެ އަށް ތެޔޮ އެތެރެކުރާނެ ފައިސާ އެއް ނުހުންނާނެ ކަމަށާއި ކާބޯތަކެތި އެތެރެކޮށް މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެހާލަތުގައި ސިއްޙީ ދާއިރާއަށް ބޭނުންވާ މެޑިސިން އެތެރެވެސް ނުކުރެވޭނެ ކަމަށް ސާލިހް ވިދާޅުވިއެވެ. ރައީސް ސާލިޙް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަމަލުކުރެއްވީ ސަރުކާރެއްގެ ވެރިއަކަށް ހުންނަ މީހަކު އަމަލުކުރަންޖެހޭ ނުވަތަ ކަންކުރަންޖެހޭ ގޮތަށް ކަމަށެވެ.

"ބުރަ ރައްޔިތުންނަށް ނުފޯރުވާ މި ދައުލަތް މި ޤައުމު މިހާހިސާބަށް ގެނައުމަށްޓަކައި އަޅަންޖެހުނު ފިޔަވަޅުތައް އަޅުގަނޑުމެން އެޅީ، އެކަން ކުރިއިރު ލޯނާއި އެއްޗެހި ދެއްކޭނެ ގޮތްތައް ހުންނާނެ ރާވާފައި ވަރަށް ސާފުކޮށް ހުންނާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ ކޮވިޑު ތެރޭގައި ދައުލަތުން ނެގި ލޯނާއި ބޭރުގެ އެހީ ތަކުން ކޮށްފައިވާ ކަންކަން ފެންނަން ހުންނާނެ ކަމަށެވެ. ރައީސް ސާލިޙް ވިދާޅުވީ ރިސޯޓްތަކާއި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދީފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ފަސްކޮށްދިން ކަމަށާއި މުވައްޒަފުންނަށް މުސާރަ ދީ ވަޒީފާ ގެެއްލުނު މީހުންނަށް އެލަވަންސްދީ ވިޔަފާރިތައް ކޮޅަށްޖެހުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސާލިޙް ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުން ނަގާފައިވާ ލޯނުތައް ދައްކަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން