އޭޖީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުން
އޭޖީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުން
މީޑިއާތައް ހިންގުމަށާއި ނޫސްވެރިކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ބަންޑާރަނާއިބު އަޙްމަދު އުޝާމް މިއަދު ދެއްވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ އޭޖީ އުޝާމް މިއަދު ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ބައްދަލުކުރައްވައި، މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައި ކަމަށެވެ.

“ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން އެބޭފުޅުންނަށް ބަންޑާރަނައިބު އުޝާމް ދެއްވި.” ބަންޑާރަނާއިބުގެ އޮފީހުން ހާމަކޮށްފައިވެއެވެ.



އޭޖީ އޮފީހުން ބުނީ މިބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓު ކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ އެމްއެމްސީ އާއި ބްރޯޑްކޮމް އުވާލުމަށްފަހު މީޑިއާތައް ރެގިއުލޭޓް ނުކުރާ ގޮތަށް ހެދުމަކީ އޭޖީގެ ވިސްނުންފުޅުކަމަށެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާމެދު ސަރުކާރުން މިހާތަނަށް އެއްވެސް ގޮތެއް ނުނިންމާ ކަމަށް ބަންޑާރަނައިބާ ހަވާލާ ދެއްވައި ނާއިފް ވިދާޅުވިއެވެ.

އެމްޖޭއޭ އިން ވަނީ މިބިލް އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައިފައެވެ.

މި މައްސަލާގައި ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން