ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރުގެ ވަކިވަރެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް މާރުކުރަން ޖެހޭގޮތަށް ސަރުކާރުން ހަދަން ނިންމި ނިންމުމަށް ތާއީދު ކުރައްވާކަން އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

މި ސަރުކާރުންވަނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމަށްޓަކައި ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރުން ވަކި އަދަދެއް ބޭންކަކަށް މާރުކުރުމަށް މަޖުބޫރުވާ ގޮތަށް ބޭރުފައިސާގެ މުއާމަލާތާއިބެހޭ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ.

ނަމަވެސް އެކަމާއި ދެކޮޅަށް ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ވަނީ ތެދުވެފައެވެ. އެ ފަރާތްތަކުން ދަނީ އެކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބުނެ އެ ނިންމުން ބަދަލުކުރަން ގޮވާލާފައެވެ.

އެއާއި ގުޅުވައި އިބްރާހީމް އިސްމާޢީލް އިއްޔެ ފޭސްބުކްގައި ވިދާޅުވީ، އޭނާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒާއި ދެކޮޅު ނުވަތަ އެއްކޮޅު މީހެއް ވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އޭނާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ރަނގަޅު ކަންތައްތައްވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ޑޮލަރު މާރުކުރަންޖެހޭގޮތަށް ހެދުމަކީ ސަރުކާރުން ކުރި ރަނގަޅުކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ އެ ނިންމުމަކީ ގާނޫނު ތަންފީޒުކުރުމުގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.



އަދި އެކަމަކީ ގާނޫނު ހަދައިގެން ވެސް ކުރަންޖެހިފައި އޮތްކަމެއްކަމަށް އިބްރާހީމް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ހުރިހައި ޑޮލަރެއް ބޭންކަށް މާރުކޮށްފައި، 100 މިލިއަނުން މަތީގެ ފައިދާއިން %35 ޓެކްސް ނަގަންފަށަނިކޮށް، މިރާއްޖެ އިސާހިތަކު ދަރަނި ފިލައި، ރައްޔިތުން ތަނަވަސް ވެދާނެ ކަމަށެވެ.

އެ ގަވާއިދަށް އަމަލު ނުކުރާން ވިޔަފާރިވެރިން ގޮވާލި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށާއި ޖެހޭނީ ޑޮލަރު މާރު ކުރަންކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން