ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެެ. އެބިލްގައި ބުނެފައިވަނީ ‏ބޭރު ސިފައިން ރާއްޖޭގައި ތިބުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. ‏ގާާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާވެސް ކޮށްފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި ‏އެ ބިލުގައި އިތުރަށް ބުނެފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށްދީ އަދި ބޭރުގެ ސިފައިން ގާއިމުވެ ތިބުމަށް ވެސް ދީގެން ނުވާނެ ކަމަށެވެ.

ގާނޫނުއަސާސީ މިހާރު ބުނާގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ. މަޖިލީހުގެ ރުހުން ހޯދަން ޖެހެނީ ހަމައެކަނި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ މަރުކަޒެއް އަޅާ ނަމަ ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.

‏ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވައުދާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން