ފަލަސްދީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްވެސް އެމެރިކާއިން އދ. ގެ ސަލާމަތީ މަޖިލިހުގައި ދެކޮޅު ހަދައިފިއެވެ.

އެމެރިކާއިން މިކަމަށް ދެކޮޅު ހަދާފައި ވަނީ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު އެއްވެސް ޝަރުތެއް ނެތި ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯކޮށް އެ ގަރާރު މަޖިލިހުން ބޭރުކޮށްލައިގެންނެވެ.

ގަތުލުއާންމު ހުއްޓާލުމަށް ހުށައެޅި މި ގަރާރު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ސަލާމަތީ މަޖިލިހުގެ 14 މެމްބަރު ގައުމުންނެވެ. އެކަމަކު އެ މަޖިލީހުގެ ދާއިމީ މެމްބަރު، އެމެރިކާ އިން އެ ގަރާރު ފާހެއް ނުވެއެވެ.

މި ގަރާރުގައި ހިމަނާފައިވަނީ ރަހީނުކޮށްފައިވާ މީހުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށާއި ނިރުބަވެރި އިސްރާއީލާއި ޣައްޒާގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް އިން ވެސް މި ހަނގުރާމަ ހުއްޓާލުމަށެވެ.

ޣައްޒާގައި ބަނޑުހައި ހޫނުކަމުގެ ހާލަތުގައި ތިބި މީހުންނަށް އެހީތެރިވުމަށް ވެސް އެ ގަރާރުގައިވާއިރު އެމެރިކާއިން އެކަމަށްވެސް އެހީތެރިވާން ބޭނުން ނުވާކަން ވަނީ ހާމަވެފައެވެ.

މީގެ ކުރިންވެސް ޣައްޒާގެ ގަތުލުއާންމާ ގުޅޭ ގަރާރުތައް އެމެރިކާ އިން ވީޓޯ ކުރިކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިފަހަރު ހިމެނޭގޮތަށް ހަތަރު ފަހަރެއްގެ މަތިން މިފަދަ ގަރާރުތަކަށް އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން