އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާއި ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.

މި އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިޤުތިޞާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް މި ފަހުމުނާމާއިން ބާރުއަޅާކަން ފާހަގަކޮށްލެވެއެެވެ.

އެމްއެމްއޭ އިން ބުނީ މި ގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެެވެ.

އަދި ގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށްވެސް އެމްއެމްްއޭއިން ބުންޏެވެ.

މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަން އެމްއެމްއޭ އިން ފާހަގަކުރެއެެވެ.

އެމްއެމްއޭ އިން ބުނީ ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިޤުތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން