ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު (މ)
ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު (މ)
މަޢުލޫމާތު ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިން މިނިސްޓްރީ ޖޫރިމަނާކުރި މައްސަލާގައި އިހުމާލުވީ މުވައްޒަފަށް ފިޔަވަޅު އަޅައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެެއްގައި ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެމިނިސްޓްރީއަށް ހުށައަޅާ ހުށައެޅުންތަކަށް ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ނަމަވެސް މިމަހުގެ 7ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެހެންކަމުން އެ މުވައްޒަފަށް ސިވިލްސަރވިސް ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހަމައެއާކު އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރަމުން ގެންދާ ކަމަށްވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އައިކޮމް އޮފީހުން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހައުސިން މިނިސްޓްރީން ޖަވާބު ދީފައި ނުވާ މައްސަލައެއް ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިމަހުގެ 7 ވަނަ ދުވަހަށް ތާވަލު ކުރި ބައްދަލުވުމަކަށް ކުރިން އެންގުމަކާ ނުލައި ހާޒިރު ނުވުމާ ގުޅިގެންނެވެ.

“އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ -/350 ރުފިޔާއިން ޖޫރިމަނާކުރެވިފައި.” އައިކޮމް އޮފީހުން ބުނެފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނެފައިވަނީ ބައްދަލުވުމަކަށް ހާޒިރުވާން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިނަމަ މަގުބޫލު ސަބަބެއް މެދުވެރިވެގެން ނޫނީ ހާޒިރު ވާން ޖެހޭނެ ކަމަށެވެ. އަދި މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތްނަމަ ބައްދަލުވުން ފެށުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން އެކަން އަންގަންވާނެ ކަމަށް އެގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން