ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވާދަކުރެއްވުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން ވަނީ ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިނުގެން ސަލާމަތުން ހުންނަވައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަން އިއުލާންކުރަށްވާފައެވެ.

ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުލްރަހީމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަކީ އެކަމަށް ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ ޔާމިން ވެރިކަމަށް ކުރިމަތިލެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޢަބުދުއްރަޙީމް ވިދާޅުވީ މިވެރިކަމުގައި ބާކީ ހަތަރު އަހަރު އެބައޮތް ކަމަށާއި އިންތިހާބާ ހަމަޔަށް ދާއިރު ސިޔާސީ މަސްރަހު ބަދަލުވެގެން ގޮސްދާނެ ކަމަށެވެ. އެހެން ނަމަވެސް ފަސް އަހަރަށް ފަހު ދެން އޮންނަ ރިޔާސީ އިންތިހާބަށް ނިކުންނައިރު މިހާރަށް ވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ބޮޑުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޢަބުދުއްރަޙީމް ވިދާޅުވި އެވެ.

ޔާމިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރަށްވާފައިވާއިރު ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އެމަނިކުފާނުގެ މައްޗަށް މިހާރުވެސް ވަނީ އުފުލާފައެވެ. އެދައުވާތައް ޔާމިންގެ މައްޗަށް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނޯންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން