ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުން ދޫކޮށްލުމަށާއި މިހާރުގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި ޚާންއަށް ތާއީދުކުރާ ސަޕޯޓަރުން ބޮޑު މުޒާހަރާތަކެއް ފަށައިފިއެވެ.

ވެރިރަށް އިސްލާމްއާބާދަށް ވަނުމަށް އެގައުމުގެ އެކި ހިސާބުތަކުން ސަޕޯޓަރުން މުޒާހަރާ ކުރަމުންދާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. މުޒާހަރާތައް ކުރިޔަށްދާތީ ޕާކިސްތާނު ސަރުކާރުން ވަނީ އެގައުމުގެ ވެރިރަށް ލޮކްޑައުންވެސް ކޮށްފައެވެ.

ވެރިރަށް އިސްލާމްއާބާދު ލޮކްޑައުންގައި އޮތް ނަމަވެސް މިހާރުވެސް ސިޓީ ބޭރުގައި މުޒާހަރާ ކުރާ ފަރާތްތައް ތިބިކަމަށާއި އެފަރާތްތަކާ ކުރިމަތިލާން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މުޒާހަރާތަކާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ މީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ސަޕޯޓަރުން ހައްޔަރުކޮށްފައެވެ. އަދި ސަރުކާރުގެ އިމާރާތްތައް ހިމާޔަތް ކުރުމަށް ބަންދުކޮށްފައިވާ އިސްލާމްއާބާދުގެ ރެޑް ޒޯނަށް މުޒާހަރާގެ ބައިވެރިން ވަދެއްޖެނަމަ ކަމާބެހޭ ފަރާތްތަކުން ވަގުތުން އެ ފަރާތެއް ހައްޔަރުކުރާނެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ނަގްވީ ވަނީ ވިދާޅުވެފަ އެވެ.

ޚާން ޖަލުން ދޫކޮށްލުމަށް އޭނާގެ ސަޕޯޓަރުން މުޒާހަރާތައް ފަށާފައި މިވަނީ އޭނާއާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ކުރި ޝަރީއަތަކީ ސިޔާސީ ބޭނުމުގައި ކުރި ޝަރީއަތެއް ކަމަށް ބުނެއެވެ. ޚާން ޖަލުގައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާގެ މައްޗަށް 150 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން