އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހާރު އޮތްގޮތުން ދެން ޕްރޮޖެކްޓެއް ހިންގަން ބޭނުންވާނަމަ ރައްޔިތުން ޖެހޭނީ މުޒާހަރާކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށައަޅާފައެވެ. ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އަންނަ އަހަރުގެ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެއްވެސް ތަފްސީލެއް ހިމަނާފައި ނެތް ކަމަށެވެ.

މައުރޫފް ވިދާޅުވީ ބަޖެޓްގައި ޕްރޮޖެކްޓްތައް ހިންގުމުގެ ބާރު އޮތީ ސީދާ ރައީސްގެ އަތްޕުޅު ކަމަށެވެ. އަދި ބަޖެޓް އޮތްގޮތުން ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ވަޒީރަކާއި މެމްބަރުންނަށް ސުވާލު ކުރެވެން ވެސް ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ސަރުކާރުން ބަޖެޓް ހުށައެޅި ހުރިހާ ފަހަރެއްގައި ވެސް ކޮންމެ ރަށެއްގައި ވެސް ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި އެތަފްސީލްތަށް ނެތުމުން ރައްޔިތުން ކުރަން ބޭނުންވާ ކަމެއް މިހާރު ކުރެވެން އޮތީ މުޒާހަރާކޮށް ރައީސްގެ ކަންފަތްޕުޅާ ހަމަޔަށް އަޑުއިއްވައިގެން ކަމަށް މައުރޫފް ވިދާޅުވިއެެވެ.

"މިސާލަކަށް ކެންދޫގައި ކަމެއް ކުރަން ބޭނުމިއްޔާ ކެންދޫ ރައްޔިތުން މުޒާހަރާކުރަންޖެހޭނީ. ގިނައިން މުޒާހަރާކުރި ރަށަކަށް ގިނަ ޕްރޮޖެކްޓް ދެން ލިބޭނީ. ރަށުގެ އެއްކޮށް މަސައްކަތް ހުއްޓާލައިގެން ރަށެއްގައި ސުކޫލެއް އަޅަންވެއްޖެނަމަ މިހާރު ބަޖެޓް އޮތް ގޮތުން ދެން ކުރަންޖެހޭ ކަމަކީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއި އެއްކޮށް މުޒާހަރާކުރަންޖެހޭނީ. އޭރުންތާ ރައީސްއަށް އެނގޭނީ އެރަށެއްގައި މިވެނި ކަމެއް ނުހިގައިގެން އެ އޮތީ މުޒާހަރާގައި ކަން، އެ އޮތީ ހުއްޓިފައިކަން. އެހެންވީމާ ރައީސަށް ބާރު ލިބިގެންވޭ ކޮންމެހެން ބަޖެޓްގައި ޖަހާފައި އޮންނާކަށް ނުޖެހޭ އެކަން ކޮށްލަން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް މިހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގާނެ ކަމަށެވެ. މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ލިސްޓުގެ ތަރުތީބުން ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ޒަމީރު ވިދާޅުވިއެެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ތަރައްގީގެ ލިސްޓުން އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެ ކަމަށެވެ.

"އަންނަ އަހަރު ތެރޭގައި ވެސް ޕްރޮޖެކްޓް ފަށަން ހުރިހާ ރަށެއް ސިޓީތަކާއި މާލެއާ ވެސް އެކުގައި އޮތީ ރޭވިފައި،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން