ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާގެ ގަވާއިދަށްވުރެ ލުއިކޮށް، ރިސޯޓުތަކުން ޑޮލަރު މާރުކުރާއިރު ލުއިތަކެއް ލިބޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލައި އެ ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލައިފިއެެވެ.

އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި ބުނެފައިވަނީ ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ޕެކޭޖުގައި އަންނަ ޓޫރިސްޓުންނަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ނޫން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ބިލުގެ ޑްރާފްޓުގައި ބުނެފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން 25 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް އެބިލްގެ ޑްރާފްޓްގައި ބުނެއެވެ.

އެމްއެމްއޭއިން ބުނީ އެ ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އެމްއެމްއޭއިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެކުލަވާލި އެ ބިލުގައި، އޮކްޓޯބަރު އެކެއްގައި އަމަލުކުރަން ފެށި ގަވާއިދުގެ ބައެއް ކަންތައްތައް ކުރިއަށް ވުރެ ހަރުދަނާކޮށްފައިވާނެ ކަމަށެވެ. އެ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އެ ދާއިރާއާ ގުޅުން ހުރި ފަރާތްތަކަށް މިހާރު ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ލާޒިމްވާ ގޮތަށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް މިދިޔަ އޮކްޓޯބަރު 1،ގައި ވަނީ ބަދަލު ގެނެސްފައެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ގުޅޭ ގަވާއިދުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަދަލު ގެނެސް، ބިލެއް އެކުލަވައިލާފައިވާއިރު އެ ގަވައިދާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަައެވެ.

އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވަނީ އެ ގަވައިދު އެކުލަވައިލީ އެ އެސޯސިއޭޝަންގެ ހުށަހެޅުންތަކަށް އިޖާބަ ނުދީ ކަމަށެވެެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ގެއްލުންވާނެ ކަމަށް ފަތުރުވެރިކަމާއި ގުޅުންހުރި ޖަމިއްޔާ ތަކުން ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނެ ކަމަށެވެެ. އަދި އެ ގަވާއިދު އޮންނާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މި ކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެ ގަވާއިދު ތަންފީޒު ކުރުމަށް އިތުރަށް އެހީތެރިކަން ހޯދުމަށް މިކަމަށް ޚާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލީސް ތެރެއިން ފާސްކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން