މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަން ކޮށް، އެކި މީސްމީހުންގެ އަތުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް އަންގަވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި މީސްމީހުންގެ އަތުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން

ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމަކީ ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލުކުރާނެ ކަންކަމެއް ނޫން ކަމަށެެވެ.

އަދި މި މައްސަލައިގެ ތަހުގީގަށް މިހާރު އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން