މިފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ގެނައީ ބާރުތައް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުގައިކަން ހާމަކުރައްވަން ވެގެންކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ޑިމޮކްރެޓްސްއިން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޙީދު ވަނީ މި ސަރުކާރުން ކުއްލިގޮތަކަށް ގާނޫނުއަސާސީ އިސްލާހުކުރުން އެއީ ރައްޔިތުން ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ، ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ ގާއިމުކުރުން މަނާކުރުމާބެހޭ ވާހަކަތައް ދައްކަންޖެހޭ އެއްވެސް ހާލަތެއް މިހާރު މިގައުމުގައި އަދި ނެތްކަމަށެވެ. ނަމަވެސް، މި ދަނޑިވަޅުގައި މަޖިލީހުގެ 80 އިންސައްތަ މެޖޯރިޓީ އޮވެ ގާނޫނުއަސާސީ އިސްލާހުކޮށް، މި ގައުމުގައި އަސްކަރިއްޔާއެއް ގާއިމުކުރަން ވިސްނަން އޮތް ބަޔަކަށް ވެސް އެ ދެއްވި މެސެޖަކީ އެ ކަންކަން ކުރަން ހުއްދަ ދިނުމުގެ ބާރު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަން ކަމަށް ވަޙީދު ވިދާޅުވިއެވެ.

އަދި ރައީސް ބޭރުގެ ފަރާތްތަކަށް އެ ދެއްވި މެސެޖަކީ “އަސްކަރީ ބޭސްއެއް އަޅަން ބޭނުމިއްޔާ ތިމަންނާއަށް މިރޭ ގުޅާލާށޭ” ކަމަށް ވިދާޅުވެ އެއީ އެކަންކަމުން ނާޖާއިޒު ފައިދާ ނެގުމަށް ރައީސް ކުރެއްވި ކަމެއްގެ ގޮތުގައި ވެސް އޭނާ ވަނީ މާނަ ކުރައްވާފައެވެ.

އޭގެ އިތުރުން ވަހީދުވަނީ، ރާއްޖޭގެ ސަރަހައްދާއިބެހޭ ވާހަކަ މިވަގުތު ދައްކަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. ނަމަވެސް އެވާހަކަ މިހާރު ދައްކައި، ގާނޫނުއަސާސީ އިސްލާހުކުރީ އެ ބާރު މުތުލަގަށް އޮތީ ރައީސްގެ އަތްޕުޅުގައިކަން ބޭރުގެ ފަރާތްތަކަށް އަންގަންކަމަށް ވަހީދު ވިދާޅުވިއެވެ.

“ރާއްޖޭގެ ސަރަހައްދާބެހޭ ވާހަކަ ދައްކަންޖެހޭ ކޮން ސަބަބެއްތޯ އޮތީ މިވަގުތު، މުޢިއްޒު އެދެއްވި މެސެޖަކީ ތިމަންނާ އަތުގައޭ މިއޮތީ މުތުލަގަށް ތިމަންނަގެ މުށުގައޭ މިއޮތީ ދިވެހިރާއްޖޭގެ ސަރަހައްދަށް ބޭނުންގޮތެއް ހެދުމުގެ ބާރު” ވަހީދު ވިދާޅުވިއެވެ.

ވަޙީދުގެ ބޮޑެތި ތުހުމަތުތަކެއް ރައީސްއަށް އަމާޒުކުރެއްވިއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުގެ އަސްކަރިއްޔާއަށް ރާއްޖޭގައި ގާއިމުވެ ތިބެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށާއި، އޭގެ އިތުރުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ރުހުން އޮވެގެންކަމަށް ބަޔާންކޮށް ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން