ޑިސެންބަރު މަހުގެ 26 އަށް ސަރުކާރުގެ ކަސްރަތު ޕްރޮގްރާމުތައް ހިންގަން ލީޑަރުން ތަމްރީނުކޮށް ނިމޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ ފިޓް މޯލްޑިވްސް ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފަވާ ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް މި އަހަރު ނިމުމުގެ ކުރިން ލީޑަރުން ތަމްރީނުކޮށް ނިމޭނެ ކަމަށެވެ.

މި ސަރުކާރުގެ ހަފުތާ 14 ގެ ކުޅިވަރު ވައުދުތަކުގެ ތެރޭގައި ހިމެނޭ ފިޓް މޯލްޑިވްސް އެޕްލިކޭޝަން އިފްތިތާހުކޮށް އާންމުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ވުޒާރާއާ ހަވާލުވެ އެންމެ ފުރަތަމަވެސް މަސައްކަތް ކުރެއްވީ ސަރަކުރާރުގެ ކުޅިވަރު މެނެފެސްޓޯގައި ހުރި ކަންކަން ތަންފީޒުކުރެއްވުމަށް ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވުޒާރާއިން މި ޕްރޮގްރާމަށް ތަމްރީނުކުރާ ޓްރޭނަރުން ރަށްރަށުގައި މޫދު ކަސްރަތާއި، ދުޅަހެޔޮކަމަށް ކުރަންޖެހޭ އެކި ފާޑުފާޑުގެ ކަސްރަތު، ޕިޒިކަލް އެކްޓިވިޓީ ޕްރޮމޯޓުކުރުމަށް ކުރަން ހުރި ކަންކަން ކުރާނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ފާއިތުވެދިޔަ 52 ހަފުތާގެ ތެރޭގައި 25 ފިޓްނަސް ކޯޗުން ތަމްރީނުކޮށްފައެވެ. އަދި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަގުސަދުގައި ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރިއަށް އަމާޒުކޮށް 43 ލީޑަރުން ވަނީ ތަމްރީނުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން