މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް އެންމެ މުހިންމު އެއްކަމަކީ ގައުމިއްޔަތު ނެގެހެއްޓުންކަމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ، ގައުމިއްޔަތު ކޮލެޖުގެ ފަރާތުން މިއަދު ފެށި “ކަޅުއޮއްފުންމި – ދިވެހި ގައުމިއްޔަތު” ދަރުބާރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ގައުމިއްޔަތަކީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް އެންމެ މުހިންމު ކަންތައްކަމަށާއި، އެހެންކަމުން ދިވެހި ގައުމިއްޔަތާމެދު ފަޚުރުވެރިވާ ބަޔަކަށް ދިވެހީން ވާންޖެހޭކަމަށެވެ.

އަދި ރާއްޖެއަށްވުރެ މާ މުއްސަނދި އަދި އާބާދީގެ ގޮތުން ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ގައުމިއްޔަތުގެ މުހިންމު އަސާސްތައް ފުރިހަމަ ނުވާކަމަށާއި އެހެންކަމުން، ދިވެހީންގެ ގައުމިއްޔަތަކީ ދިވެހީންނަށް ވަރަށް ޚާއްޞަ ކަމަކަށް ވާކަމަށް ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ ކުރިއަރައި ދިޔުމަށް ވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

ނާއިބު ރައީސް ވިދާޅުވީ، މިއަދު ފެށުނު ދަރުބާރު މިއީ ދިވެހީންގެ ގައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރި ކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ އަދި އީޖާބީ ފިޔަވަޅަކަށް ވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާކަމަށެވެ.

މިއަދު މިފެށުނު ދަރުބާރުގައި ދިވެހި ގައުމިއްޔަތާއި ގުޅުންހުރި އަދި ދިވެހީންގެ އަމިއްލަވަންތަކަމާއި ގުޅުންހުރި ވަރަށް މުހިންމު ދާއިރާތަކުން މައުލޫމާތު ހުށަހެޅި އިލްމީ މަޝްވަރާތަކެއް ކުރެވި އައު އީޖާދީ ވިސްނުންތަކެއް ނެރެވިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން