އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް (ކ) އާއި އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢު (ވ)
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް (ކ) އާއި އެމްޑީޕީގެ އެކްޓިވިސްޓް ޝާފިޢު (ވ)
ޓްވީޓެއް ކުރުމުން އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢު އަށް ފުލުހުން ޗިޓެއް ފޮނުވި މައްސަލާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފިއެވެ.

ފައްޔާޒް މިއަދު މީސްމީޑިއާގައި ވިދާޅުވެފައިވަނީ ޝާފިއު ފުލުހުންގެ އިދާރާއަށް ޙާޟިރުކުރަނީ ޓްވީޓު ކުރާތީ ކަމަށެވެ. އަދި ސަރުކާރާމެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ މިއަދު ބޮޑު ކުށަކަށް ވެފައިވާކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ފައްޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށްވެސް މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި ނަމަވެސް ޚިޔާލާއި ފިކުރުގައި ތަޅު ނޭޅުވޭނެ ކަމަށެވެ.

“ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ.” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިއަދު މިހެން ވިދާޅުވެފައިވާއިރު ފުލުހުން ޝާފިޢު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު 01:14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ އެކްސް ގައި ޝާފިއު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.



އަދި އެ މައްސަލައިގައި މާދަމާ މެންދުރު 1:30 އަށް ފުލުސް އޮފީހަށް ޙާޟިރުވުމަށް ފުލުހުން ޝާފިޢުއަށް އަންގާފައިވެއެވެ. ނަމަވެސް އޭނާ ކުރި ޕޯސްޓުގެ ތަފުސީލެއް ފުލުހުންގެ ޗިޓުގައި ހާމަކޮށްފައެއް ނުވެއެވެ.

ޝާފިއު އަށް ފުލުހުން ޗިޓު ފޮނުވާފައިވާއިރު މިދިޔަ ހަފްތާގައި އެލްޖީއޭ އިން ވަނީ ރައީސްގެ އަބުރަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެކައުންސިލަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން