އައްޑޫސިޓީ މަރަދޫގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ފަށައިފިއެވެ.

މިއަދު ހޯމްލޭންޑް މިނިސްޓްރީން ވަނީ މަރަދޫގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އެ މިނިސްޓްރީން ކުރިޔަށްގެންދާ "ކުރަނގި" އޮޕަރޭޝަން މަރަދޫގައި ފަށައިފައެވެ.

މަރަދޫގައި އުޅޭ ބިދޭސީން ބައޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް މި މަހުގެ 24 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މައުލޫމާތު ދޭން ބިދޭސީން ހާޒިރުވާން ޖެހެނީ މަރަދޫ އަވަށު އޮފީހަށެވެ. މައުލޫމާތު ނެގުން ކުރިއަށް ދާނީ އާދީއްތަ އިން ބުރާސްފައްޗަށް ހެނދުނު 9:00 އިން 11:00 އަށް އަދި ހޮނިހިރު ހެނދުނު 09:00 އިން 12:00 އަށެވެ.

މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ހުޅުދޫގައިވެސް ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބައޯމެޓްރިކް ޑޭޓާ ނަގައި ދަފްތަރު އަދާހަމަކުރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކް ޕަރމިޓް ކާޑު އަދި ވަޒީފާދިން ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ބޭނުންވާނެއެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ ޤަވައިދާއި ޚިލާފަށް ނުވަތަ ޑޮކިއުމަޓްތައް ނެތި، ބިދޭސީ މަސައްކަތްތެރިއަކު ހުރިކަމުގެ މައުލޫމާތު އެނގޭ ނަމަ އެ މައުލޫމާތު އަވަށު އޮފީސްތަކާ ހިއްސާކުރަން އެދިފައެވެ.

މީގެ ކުރިން އައްޑޫގެ ބައެއް އެހެން އަވަށްތަކުގައި ވެސް ކުރަނގި އޮޕަރޭޝަން ހިންގާފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން