ޤާނޫނު އަސާސީއަށް އިސްލާހު ގެނައީ ދިވެހި ރައްޔިތުންގެ ދިފާޢުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ މަތިވެރި ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤާނޫނު އަސާސީއަށް ދާދިފަހުން ގެނައި އިސްލާހުތަކަކީ ދިވެހި ރައްޔިތުންގެ ބާރުވެރިކަން ޔަޤީން ކުރަން ގެނައި އިސްލާހުތަކެއް ކަމަށެވެ.

އެގޮތުން ރައްޔިތުން އިންތިހާބުކުރާ މެމްބަރުންގެ ބާރު ރައްޔިތުންގެ އަތަށް ލިބުމާއި އަސާސީ ހައްޤުތަކާއި މިނިވަންކަމާއި ބެހޭ ހައްޤުތައް، ބަދަލުކުރުމުގެ ބާރުގެ ބާރުތަކެއް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއެކު ރައްޔިތުން އަތަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިވަނީ ދިވެހި ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ ދިފާޢުގައި ކަމަށާއި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ކުރިމަގަށްޓަކައި ޤައުމުގެ ކުރިމަގަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރުމުގައި ސާބިތުވެ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ ރައްޔިތުންގެ ފުރިހަމަ ތާއިދާއެކު ރައްޔިތުން އެދޭގޮތަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ތަައައްސުބުން އެއްކިބާވެގެން ވިސްނަައިފި ކޮންމެ ރައްޔިތަކަށްވެސް ކުރިއަށް ވުރެ ބޮޑަށް ޤާނޫނު އަސާސީން ރައްޔިތުންނަށް ބާރުވެރިކަން ލިބިފައިވަނީ މިހާރު ކަން ހާމަވާނެ ކަމަށެވެ. ޤާނޫނު އަސާސީ މިހާރު ބައްޓަންކުރެވިފައިވަނީ ރައްޔިތުންނަށް ހުރިހާ ބާރެއް ލިބޭގޮތަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން މި ކުރިކަމަކީ. އެހެންވީމަ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަމާއި ރިޔާސީ ދައުރާއި ރައީސުލްޖުމުހޫރިއްޔާ އިންތިހާބު ކުރާގޮތާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާއި މިހެން ހުރި މުހިންމު ކަންކަން އެކަންކަމަށް ބަދަލު ގެނައުމުގެ ޕްރޮސީޖާ ބަދަލުކުރަންޏާ ރައްޔިތުން ކައިރީގައި އަހަން ޖެހޭގޮތަށް މި ބަދަލުކުރީ. އެހެންވީމާ މިހާރު ނޫންތޯ ރައްޔިތުންނަށް ކުރިއަށްވުރެ ބޮޑަށް ރައްޔިތުންގެ ހައްޤުގައި ޤާނޫނު އަސާސީ މި ބައްޓަންކުރެވުނީ،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން