ހައްގުތައް ހޯދަން ފަހަށް ނުޖެހި ރައްޔިތުން ނިކުންނަންޖެހޭ ކަމަށާއި އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މިރޭ ވިދާޅުވެއްޖެއެވެެ.

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، މިއަދު ކުރަންޖެހޭ ކަމަކީ ހައްގުތައް ހޯދަން ރައްޔިތުން މަގުމައްޗަށް ނުކުތުން ކަމަށެވެ. އަދި ރައްޔިތުން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހައްޤުތައް ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގައި ލިޔެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަކީ މީހަކު ތަބަކަކަށް ލާފައި ދިން އެއްޗެއް ނޫން ކަމަށެވެ. މިނިވަންކަމާއި ހައްގުތަކަކީ ގަދައަޅައި މަސައްކަތް ކޮށްގެން ހޯދަންޖެހޭ އެއްޗެއް ނޫން ކަމަށް ސާލިޙް ވިދާޅުވިއެވެ. އަދި ހައްގުތަކުގެ ދިފާއުގައި ރައްޔިތުން ނުކުންނަން އެމަނިކުފާނު ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ ފެންނަމުންދަނީ ޚުދު މުހުތާރު ވެރިކަމަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ މިންވަރު ކަމަށެެވެ. އެގޮތުން މިހާރު ވެސް އަނިޔާވެރިކަމުގެ ސިފަތައް މި ވެރިކަމުގައި ފެންނަން ފަށައިފި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. އަދި އެކަންތައްތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތީ ނާމާން ބިރުވެރި ދުވަސްތަކެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިން މި ފެންނަމުންދާ ވިލާގަނޑުން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާންް ދުވަސްތަކެއް. ދަތި އުނދަގޫ ދުވަސްތަކެއް" ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީން އޮންނާނީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށާއި ރައްޔިތުންނާއެކު ކަމަށެވެ. އަދި ހައްގުތައް ހޯދަން ރައްޔިތުން ނުނުކުމެއްޖެ ނަމަ، މި ސަރުކާރުން ޚުދުމުޚުތާރު ވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. ރައީސް ސާލިޙް އިތުރަށް ވިދާޅުވީ މަޖިލީހުގައި އޮތް ރައްޔިތުންގެ ބާރު މިހާރު އެއްކޮށް ކަނޑުވާލާފައިވާ ކަމަށެވެެ. އަދި މަޖިލީހުގެ ބާރު ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކުރަމުންދާއިރު މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ވެސް ބަދަލުކުރާނެ ކަމަށް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް އިތުރަށް ވިދާޅުވީ ރައްޔިތުން ސަރުކާރެއް އިންތިހާބުކުރަނީ ހެއު ބަދަލެއް ބޭނުންވާތީ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަށް ވޭތުވެ ދިޔަ އެއްއަހަރުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން