އަހުމަދު ޔާމިން   30 އޯގަސްޓު 2020 - 0:14
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އިނގިރޭސި ފުޓްބޯޅަ ސީޒަން ނިމުނުތާ 34 ދުވަސް ފަހުން އާ ސީޒަނުގެ ކުޅުން މިރޭ ފަށާނެ އެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން އައު ސީޒަން ހުޅުވައިދޭނީ ލީގު ޗެމްޕިއަން ލިވަރޕޫލްއާއި އެފްއޭކަޕްގެ ޗެމްޕިއަން އާސެނަލްއެވެ.

މިރޭގެ މެޗުން ސީޒަން ފަށާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެކަމަކު ޔޫރަޕްގެ މުބާރާތްތަކުގެ ކުއާޓާ ފައިނަލުން ފެށިގެން ވާދަކުރި ޓީމުތަކުން ސީޒަން ފަށާނެ ތާރީހް ވަނީ ފަސްކޮށްފަ އެވެ.

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ފަހު ލިވަޕޫލުން ވަނީ އާ ސީޒަނަށް ތައްޔާރުވުމަށް އޮސްޓްރިއާގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު އާސެނަލުން ސީޒަނުގެ ފަހު މެޗު ކުޅުނީ މީގެ ހަތަރު ހަފްތާ ކުރިންނެވެ. އެއީ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދި މެޗެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އަލެކްސް އޮކްލޭޑް-ޗަމްބެލައިން އަދި ޖޮެއެލް މަޓިޕް ނުފެންނާނެ އެވެ. އަދި އަނިޔާ ވެފައިވާ ވާޖިލް ވެން ޑައިކް ކުޅުމުގެ ފުރުސަތުވެސް ކުޑައެވެ. މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުކޮޅު ނުކުޅެވުނު އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ ވަނީ ފިޓްވެފަ އެވެ. އަދި ފްރާންސްގެ 19 އަހަރުގެ ވިިލިއަމް ސަލިބާ މިހާރު ވަނީ އާސެނަލާ އަލުން ގުޅިފަ އެވެ.

މިއީ އާސެނަލާއި ލިވަޕޫލް ކޮމިއުނިޓީ ޝީލްޑްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. 1979 ވަނަ އަހަރާއި 1989 ވަނަ އަހަރު މި ދެޓީމު ވާދަކުރި ޝީލްޑް މެޗު ކާމިޔާބުކުރީ ލިވަޕޫލެވެ. އެކަމަކު އާސެނަލުން ވަނީ 2002 ވަނަ އަހަރުގެ މެޗުގައި ލިވަޕޫލް 1-0 އިން ބަލިކޮށްފަ އެވެ. ކޮމިއުނިޓީ ޝީލްޑްގައި އާސެނަލުން ކުޅުނު ނުވަ މެޗުގައި ތެެރެއިން ހަތް މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި އާސެނަލާ ލިވަޕޫލް ވާދަކުރާ ކޮމިއުނިޓީ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން