އެމްޑީޕީގެ މެންބަރުންނަކީ ދީން ގަބޫލުނުކުރާ ބަޔެއް ކަމަށް ވިލިމާލެ ދާއިރާގެ، މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ފުލުހުންނަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތެއްކަން ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހިރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ވާގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެއް ކަމަށްވެސް މަޖިލީހުގެ ރައީސް ކަން ވެސް ކުރަށްވާފައިވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މި މައްސަލަ އަވަހަށް ބަލައި، އެކަށިގެންވާ ފިޔަވަޅު އެޅުމަށް ޝާހިދު ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން ވިލިމާލޭ ދާއިރާ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އެމްޑީޕީ މެމްބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބަޔެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ މެމްބަރަކު ނެންގެވި ނިޒާމީ ނުކުތާއެއްގައި އެކަން ފާހަގަކުރެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ޢަބުދުއްރަޙީމް ވަނީ މެމްބަރު މުޙައްމަދު އިސްމާޢިލް ވާހަކަ ހުއްޓުވައި އެގޮތަށް ވާހަކަ ނުދެއްކެވުމަށް އަންގަވާފައެވެ. އެއާއެކު އެމްޕީ މުޙައްމަދު އިސްމާއިލް ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން