ޗެޑްވިކް ބޮސްމަން
ޗެޑްވިކް ބޮސްމަން
ބްލެކް ޕެންތަރ ގެ ތަރި ޗެޑްވިކް ބޮސްމަން ކެންސަރ ބަލީގައި މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ލޮސްއެންޖަލިސްގައި ހުންނަ އޭނާގެ ގޭގައެވެ. ޗެޑްވިކް ބޮސްމަން މަރުވެފައިވަނީ ހަތަރު އަހަރުވަންދެން ގޮހޮރުގެ ކެންސަރާއި ހަނގުރާމަކުރަމުން ދަނިކޮށް ކަމަށް ޢާއިލާގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. މަރުވިއިރު އޭނާގެ އުމުރަކީ 43 އަހަރެވެ.

2018 ވަނަ އަހަރު ދުނިޔޭގެ މަޝްހޫރުކަން ހޯދި މާރވެލްކޮމިކްސްއަށް ބިނާކޮށް މާރވެލް ސްޓޫޑިއޯއިން ތައްޔާރުކުރި އެމެރިކާގެ ސުޕަރހީރޯ ފިލްމް ބްލެކްޕެންތާ އިން އާންމުންގެ ލޯބި ހޯދާފައިވާ ބޮސްމަންގެ މިކުއްލި ވަކިވެ ދިއުމުން އޭނާއަށް ސަޕޯޓްކުރާ ގިނަބަޔަކަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ.

ބްލެކް ޕެންތަރ އުފެއްދި މާރވެލް ސްޓޫޑިއޯއިން ވެސް ދަނީ އެކަމާއި ހިތާމަ ފާޅުކޮށް ބޮސްމަންގެ ވަކިވެދިއުމަކީ މާރވެލް ސްޓޫޑިއޯއަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަމަށް ބުނެފައެވެ. ބޮސްމަންއަކީ "ޓްރޫފައިޓަރ" އެއް ކަމަށާއި ކެންސަރގެ ވޭން ތަޙައްމަލްކޮށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ނަގަމުންވެސް ގިނަ ފިލްމްތަކެއްގެ މަސައްކަތް އޭނާ ކޮށްފައިވާ ކަމަށް މާރވެލް ސްޓޫޑިއޯއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސައުތްކެރޮލައިނާ އަށް އުފަން ބޮސްމަން ތައުލީމް ޙާސިލްކޮށްފައިވަނީ ހާވާރޑް ޔުނިވަރސިޓީއިންނެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން އޭނާވަނީ ޓީވީ ޝޯތަކުގައި ކުދިކުދި ރޯލުތަކުން ފެނިގެން ގޮސްފައެވެ. ބޮސްމަން ގިނަބަޔަކަށް ފާހަގަވެފައިވަނީ ހަގީގީ ދިރިއުޅުމުގައިވެސް މަޝްހޫރު މީހުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމުތަކުން ފެންނަ މޫނެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ޖެކީ ރޮބިންސަންގެ ދިރިއުޅުމުގެ މައްޗަށް ކުޅެފައިވާ "ބަޔޮޕިކް" އަދި ޖޭމްސް ބްރައުންގެ ދިރިއުޅުމުގެ މައްޗަށް ކުޅެފައިވާ "ގެޓްއޮން އަޕް" ފަދަ ފިލްމުތައް ހިމެނެއެވެ.

ޗެޑްވިކް ބޮސްމަން ކެންސަރާއި ހަނގުރާމަކުރަމުން ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި މާޝަލް، ދަފައިވްބްލަޑްސް އަދި އޯގަސްޓް ވިލްސަންސް މަރެއިނީސް ބްލެކްބޮޓްމް ފަދަ ފިލްމުތައް ހިމެނެއެވެ. އެހެންނަމަވެސް ބޮސްމަން އޭނާގެ ބަލީގެ ވާހަކައެއް އެއްވެސް ވަރަކަށް މީގެކުރިން މީޑިއާއާއި ޙިއްސާކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން