ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށް އާމްދަނީގެ 20 ޕަސެންޓް ވެސް ބޭންކަށް މާރުކުރަން ލާޒިމްކުރުމަކީ ޓޫރިޒަމް ދާއިރާ ފުނޑާލުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތް ފުޑާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ. ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ސަރުކާރުން ލާޒިމްކޮށްފައިވާއިރު އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދީދީ ވިދާޅުވިއެވެ.

"ރާއްޖޭގެ ރިސޯޓްތަކުން މި ވިއްކަނީ 1000 ޑޮލަރު ޕެކޭޖް އިންކުލޫޑިން ޓެކްސް ޑަބަލް ރޫމަށް ކިހިނެއްތޯ މާރުކުރާނީ 500 ޑޮލަރު، 1000 ޑޮލަރަށް ހަތަރު ރޭ ތިބޭ ބަޔަކު ރިސޯޓަށް 1000 ޑޮލަރު ދިނީމަ،" ދީދީ ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން މެމްބަރު ދީދީ ވިދާޅުވީ ރިސޯޓްތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސްތަކާއި މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެ ފައިސާ ދެއްކުމަށްފަހު ވިޔަފާވެރިވެރިންގެ ފައިދާ އަށް އޮންނަނީ 10 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދުގެ އަދަދެއް ކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އަދަދު ބޭންކަށް މާރުކުރަން ލާޒިމްކުރާއިރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި މީހުންގެ 80 ޕަސެންޓަކީ ބޭރުގެ އިންވެސްޓަރުން ކަމަށެވެެ. އެބޭފުޅުންނަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ކަމަށާއި އެކުންފުނިތަކުގެ ޝެއާ ހޯލްޑަރުންނަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށްވާއިރު މިއީ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސްޖެހޭނެ ކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީން 37 ޕަސެންޓް މީރާ އަށް އެބަދޭ، މިބަދަލަކީ އެބޭފުޅުންނަށް މާރުކުރެވެން ނެތް އެއްޗެއް ހަމައެގޮތަށް ސާވިސް ޗާޖްގެ ގޮތުގައި 10 ޕަސެންޓް އެބަލާ، މިއެއްޗިއްސަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހިގެންދާ ޑޮލަރު ރައްޔިތު މީހާ ބޭރަށް ދާންވީމަ އެޑޮލަރު މި އިންނަނީ ރައްޔިތުންގެ ގިނަ ބަޔަކަށް ލިބިފައި. 47 ޕަސެންޓް މިހާރު ވެސް ދަނީ އެ ކުންފުންޏަށް ނުވަތަ އޯނަރަށް އަތް ނުލެވޭގޮތަށް ސަރުކާރުގެ ތެރެއަށް ނޫނީ ރައްޔިތުންގެ ތެރެއަށް، ދެން ބާކީ މި އިންނަ 59 ޕަސެންޓްގެ ތެރެއިން މުސާރަ ދީ ޕެންޝަން ފަންޑަށް ފައިސާ ދީ ހަމައެގޮތަށް ލޭންޑް ރެންޓް ދައްކައި މިހުރިހާ ކަމެއް ކޮށްފައި ރިސޯޓް ހިންގާ ވިޔަފާރިވެރިޔާ އަށް ފައިދާގޮތުގައި މި އޮންނަނީ 10 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދުގެ އަދަދެއް،" ކުރިން ފަތުރުވެރިކަމުގެ ދާއިރާގެ އެކި މަގާމުތަކުގައި 35 އަހަރެއްހާ ދުވަހު ޚިދުމަތް ކުރައްވާފައިވާ ދީދީ ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި އޮތް ބޭރުފައިސާއާބެހޭ ބިލުގައި ފަތުރުވެރި ކަމުގެ ދާއިރާއިގެ އެކި ފަންތީގެ ވިޔަފާރި ތަކުން ޑޮލަރު މާރުކުރަން ޖެހޭ އަދަދުތަކަށް ބަދަލުތަކެއް ގެނަސްފައިވާއިރު އެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށްވެސް އިހުތިޔާރު ތަކެއްވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން