އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރުމަށްފަހު އާސެނަލް
އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރުމަށްފަހު އާސެނަލް
އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް އާސެނަލް ކާމިޔާބުކޮށްފި އެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުމުން ޖެހި ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ.

ރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ދެ ޓީމުން ވެސް މުހިއްމު ބައެއް ކުޅުންތެރިން ހިމަނާފައެއްނުވެ އެވެ. މި ހާފުގައި ގިނަ ހަމަލާ އުފައްދައި އާސެނަލުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގައި އާސެނަލްގެ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމިޔަން އެވެ. މެޗުގެ ދެ ވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ލިވަޕޫލުންނެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގައި ޓަކޫމީ މިނަމީނޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާ އެކު މިނަމީނޯ ވެފައިވަނީ ލިވަޕޫލަށް ލަނޑު ޖަހައިދިން ޖަޕާނަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އާސެނަލުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ސްވާންސީ ސިޓީ އަށް ކުޅުމަށް ފަހު ލިވަޕޫލަށް އެނބުރި އައި ޒުވާން ފޯވާޑް ރިއާން ބްރުސްޓާ އަށެވެ. ބްރުސްޓާ ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މިއީ އާސެނަލަށް ބަދަލުވުމަށް ފަހު އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ކްލަބާއެކު ހޯދި ދެ ވަނަ ކާމިޔާބީ އެވެ. އާޓެޓާ އެންމެ ފުރަތަމަ ހޯދީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަމެވެ. އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި 2-1 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފަ އެވެ. އެ މެޗުން ވެސް ބަލިވީ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.

މިއީ އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. މީގެ ކުރިން ލިވަޕޫލުން ވަނީ ކޮމިއުނިޓީ ޝީލްޑް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ. ކޮމިއުނިޓީ ޝީލްޑްގައި އެންމެ ކާމިޔާބު ކްލަބަކީ 21 ފަހަރު މޮޅުވެފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން