ދާއިމީ ހައްލެއް ލިބެންދެން ތިން ވުޒާރާ ހިންގަން ތަނެއް ކުއްޔަށް ނުހިފަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާގައި އިމާރާތްތައް އަނދާ ހުލިވި ތިން ވުޒާރާ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ރައީސް ނިންމެވި އިރު މި ވުޒާރާތައް ވަގުތީގޮތުން މިހާރު ހިންގަމުންދަނީ ދަރުބާރުގޭގައެވެ.

މި އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވަނީ އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތެވެ. އަދި މި އަލިފާނުގެ ހާދިސާގައި އެ ދެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ސަރުކާރުން ވަނީ މި ތިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާފައެވެ. އަދި ދަރުބާރުގޭގައި ތިން މިނިސްޓްރީގެ ހިންގުން ކުރިޔަށް ގެންދިއުމަށް އޮފީސްތައް ހަދައި މިނިސްޓްރީތަކުގެ މަސައްކަތްތައް އިއްޔެ ވަނީ ފަށާފައެވެ.

މިއަދު ރައީސް ވަނީ ދަރުބާރުގޭގައި ވުޒާރާތައް ހިންގަމުންދާ ގޮތް ބައްލަވައިލައްވާފައެވެ. އަދި އެތަންތާނގެ މުވައްޒަފުންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" އާއި ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާގޮތް އޮޅުންފިލުވައި އެތަންތަނުގެ އިސްވެރިންނާވެސް ރައީސް މިއަދު ބައްދަލުކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން