މަރްޔަމް ނަހްދާ ވަޙީދު   17 ޑިސެމްބަރު 2024 - 5:41
އެލޮވީރާ ޝޮޓް- ގޫގުލް އިމޭޖެސް
އެލޮވީރާ ޝޮޓް- ގޫގުލް އިމޭޖެސް
އެލޮވީރާ އަކީ އޭގައި ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވީރިއު މިއީ އަޅިގަނޑުމެންގެ ހަންގަނޑަށް ދިމާވާ މައްސަލަތަކާއި އިސްތަށިގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޒަމާނުއްސުރެ މީހުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ.

މިއީ ތަފާތު އެކިކަހަލަ ވިޓަމިންތަކާއި، މިނަރަލް އަދި އެންޒައިމްގެ އިތުރުން އެކިކަހަލަ އެމިނޯ އެސިޑްތައް ހިމެނޭ އެއްޗަކަށްވީއިރު، މި ބޭނުން ކުރުމުން ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދެއެވެ. އަދި ހަމަ އެހެންމެ މިއީ ފަސޭހަކަމާއެކު އިސްތަށިގަނޑު ދިގުކޮށްދޭ އެއްޗެއް ވެސްމެއެވެ.

ތިރީގައި މި ހިމަނާލަނީ ބޮލުން އިސްތަށި ފައިބާނަމަ އެކަން ހުއްޓުވައި އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް ބޭނުން ކުރެވޭނެ އެލޮވީރާ ޝޮޓްގެ ރެސިޕީއެވެ.

މި ޝޮޓް ތައްޔާރު ކުރުމަށް ބޭނުންވާނީ 2 މޭޒުމަތީ ސަމުސާ އެލޮވީރާ ޖެލް އާއި، ބައި ޖޯޑު ކާށީގެ ފެނާއި، 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތާއި، އެއް ސައިސަމުސާ މާމުޔާއި، 1/4 ސައިސަމުސާ ރީނދުލުގެ އިތުރުން އެއް ސައިސަމުސާ އިނގުރެވެ. މި އެލޮވީރާ ޝޮޓް ތައްޔާރުކުރުމަށް ހުރިހާ އެއްޗެއް މިކްސަރަށް އަޅާފައި ރަނގަަޅަށް އެއްކޮށްލާނީއެވެ.

އެލޮވީރާ އަކީ ވިޓަމިން އޭ، ސީ، އީ އަދި ބީ12 ހިމެނޭ އެއްޗެއް ކަމުން މި ޝޮޓް ބުއިމުން ބޮލުގެ ހަންގަނޑު ރަނގަޅަށް ހައިޑްރޭޓްވެ، ބޮލުން ހަން ފޮޅޭވަރު މަދުވެއެވެ. އަދި އޭގެ ސަބަބުން ބޮލުގައި އިސްތަށި ފަޅާވަރު އިތުރުވެ، އިސްތަށި ފަސޭހަކަމާއެކު ދިގުވެސްވެއެވެ.

މިއީ އެކިކަހަލަ އެންޒައިމްތައްވެސް ހިމެނޭ އެއްޗެއް ކަމުން ބޮލުގެ ސެލްތައް މަރާމާތުވުމަށް އެހީވެ، އޭގެ ސަބަބުންވެސް ބޮލުގައި އިސްތަށި ފަޅާ ވަރު އިތުރުވެއެވެ. އަދި ހަމަ އެހެންމެ މި ބުއިމުން އިސްތަށީގެ ފޮލިކަލްތައް ވަރުގަދަވެ، އިސްތަށިގަނޑު ވަރުގަދަވެސް ވެއެވެ.

ވީމާ ބޮލުން އިސްތަށި ފައިބާތީ އެކަމާ ކަންބޮޑުވާނަމަ މި އެލޮވީރާ ޝޮޓް ގޭގައި ތައްޔާރު ކޮށްގެން މީގެ ވައްތަރު ބަލާލަން ޖެހެއެވެ. މިއީ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ގޭގައި ތައްޔާރު ކުރެވޭނެ އެއްޗެކެެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން