ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންނަން ގޯތި ދިނުމުގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެއެެވެ.

އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭ ހެން ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލަ އެއް ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެެ. އެކަމާ ގުޅިގެން އެޗްޑީސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ރަޖިސްޓްރީ ދޫކުރުމާއި އެއްބަސްވުން ހެދުމާއި ބިން ހަވާލުކުރުމަކީ އެޗްޑީސީން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އަދި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލަށް ހުށައަޅާފައިވާ ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ހުށަހަޅާފައިވާ، އެ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށް ފަޒުލް ވިދާޅުވިއެވެެ. ފަޒުލް ވިދާޅުވީ ބިން ދޫކުރުމުގެ މައްސަލައިގައި ޤާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި ފުލުުހުންގެ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ފަޒުލް އިތުރަށް ވިދާޅުވީ އެޗްޑީސީގެ ޕޯޓަލަށް ފޮނުވި އެ ރިކުއެސްޓްތަކުގައި އެދިފައިވަނީ ބައުންޑްރީ ވޯލް ޕާމިޓަށް ކަމަށެވެ. އަދި އޭގެ ވެރިފިކޭޝަނަށް މިނިސްޓްރީގައި އެދުނީ ދެފަރާތަކުން އެއް ޕްލޮޓަކަށް ރިކުއެސްޓު ކުރުމާއި ގުޅިގެން އެކަމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޯތިތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތު ގެންގުޅުއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާކަމަށެވެ. އެމައްސަލަައިގެ ތަހުޤީޤަށް ފުލުހުންގެ ޓީމެއް އެޗްޑީސީ އަށް މިއަދު ވަނީ ވަދެފައެވެ. އޭސީސީން ވެސް ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން