ފޮޓޯ އަދަދު
ފޮޓޯ އަދަދު
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރި ބިންތަކެއްގެ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ލިޔުން ލިބިފައިވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ތަހުގީގަށް ލިބިފައިވާ ހައުސިން މިނިސްޓްރީގެ ލިޔުންތަކާ ގުޅިގެން، ލިޔުން ލިބުނު ފަރާތްތަކާ ސުވާލުކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ ލިޔުންތަކާއި ބެހޭ ގޮތުން ސުވާލުކުރުމުން ކުރީ ސަރުކާރުން ދީފައިވާ ލިޔުންތަކެއް ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން އެފަދަ ތިން ގޯއްޗަކަށް ޝައްކު ކުރެވޭ ލިޔުންތަކެއް ހުށައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ބައެއް ލޮޓްތަކާ ގުޅިގެން އިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ލިޔުން ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުގެ ނަމުގައި ލިޔުން ހުށަހަޅާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަހުގީގަށް މިހާރު ލިބިފައި ހުރި ލިޔެކިޔުންތަކަކީ އޭރުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ނަމުގައި ހަދާފައިވާ ލިޔުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 11، 2023ގައި ސޮއި ކޮށްފައިވާ ލިއުން ހުރި ކަމަށް ވެސް ޝަރީފް ވަނީ ފާހަގަކުރަށްވާފައެވެ.

ފޯޖު ޑޮކިއުމަންޓްތަކެއް ހަދައިގެން ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިހާރު ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން