ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި އެޗްޑީސީ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެމައްސަލައިގައި ޖިނާޢީ ތަހުޤީޤެއް ފުލުހުން ކުރަމުންދާތީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު މެމްބަރުން މިވަގުތު ވަނީ ސަސްޕެންޑްކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް މެސެޖެއްގައި ވިދާޅުވީ، އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން އަޅުއްވާނެ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ އެފަދަ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން،" ރައީސްގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން