ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ ކުރީގެ އިސް ބޭފުޅުންތަކެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ހިމެނޭހެން އެ މިނިސްޓްރީގެ ކުރީގެ އިސްބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ލިސްޓުގައި ނެތް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުޤީޤާއި ގުޅިގެން އެކޮމިޝަންގެ އެންގުމަކަށެވެ.

އެގޮތުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް އާއި ކުރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ވިޝާންގެ އިތުރުން ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެއެވެ.

އެބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ،އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އެނގިފައިވެއެވެ.

ފުލުހުންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް އެ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރެވުނު މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިންވެރިޔާއަށް ކުރިމަތިލައިގެން ޝަރުތު ހަމަނުވާކަމަށް ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަމުގެ ޝަކުވާ ކުރިކަމަށް ބުނެފައިވާކަމަށެވެ.

އަދި އޭގެތެރެއިން އެކަކަށް ގޯތި ހަމަޖެހުނު ވާހަކަ އެއިރުގެ ވެރިޔަކު ފަހުން އަންގަވާފައިވާކަމަށް ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ޝަރީފް ވިިދާޅުވިއެވެ.

އެމައްސަލައިގައި ތަހުޤީޤަށް މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އިތުރަށް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރި ބިންތަކެއްގެ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ލިޔުން ލިބިފައިވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ތިން ގޯއްޗަކަށް ޝައްކު ކުރެވޭ ލިޔުންތަކެއް ހުށައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން