ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
އެޗްޑީސީގެ އިސްވެރިންގެ މައްސަލަތަކެއް މީގެ 6 މަސް ކުރިން ރައީސްގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމުގައި އަވަސް ފިޔަވަޅެއް ނޭޅުއްވުމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ ކަމަށް ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވަނީ އެޗްޑީސީން އުސޫލާ ޚިލާފަށް ހުޅުމާލޭން ގޯތިތަކެއް ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމައްސަލާގައި އެޗްޑީސީގެ ކުރީގެ ޗެއަރމަން އަހުމަދު ޒުހޫރު މިދިޔަ ޖުލައިމަހު ރައީސް އަށް ފޮނުއްވި ކަމަށްބުނާ ސިޓީއެއް މީސްމީޑިއާގައި މިހާރު ވަނީ ޢާއްމުވެފައެވެ.

އެކަމާ ގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް މިކަން މީގެ 6 މަސް ކުރިން ގެނެވިފައި ވަނިކޮށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވުމަކީ މި ހުރިހައި ކަމަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޒިންމާވާންޖެހޭނެ ކަމެއް ކަމަށެވެ.

“އެޗްޑީސީން ހިންގި ނުވަތަ ހިންގާ ޖަރީމާތަކުގެ ޒިިންމާވެސް އެހެންވީމާ އެޅޭނީ ހަމަ ރޖ ގެ އިސްތަށިފުޅުގައި.” ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޢަލީ ޙުސައިން ވަނީ ރައީސް މިހާރު ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޒަމީރަށްވެސް އޮޅުވާލައްވަމުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެން އިތުރަށް އޮޅުވާ ނުލެއްވުމަށާއި ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

“ތިމާގެ އަމިއްލަ ޒަމީރު މިހާތު ތިމާގެ ނަފުސަށް މަލާމާތްކޮށް ފުރައްސާރަ ކުރާނެ. ދެންއިތުރަށް އޮޅުވާލަން ނޫޅުއްވާ. ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިއްޖެ.” ޢަލީ ވިދާޅުވިއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު އެޗްޑީސީގެ ކުރީގެ ޗެއަރމަން ޒުހޫރު މިދިޔަ ޖުލައިމަހު ރައީސަށް ފޮނުއްވި ހަތް ސަފުހާގެ ސިޓީގައި ވިދާޅުވެފައިވަނީ އެޗްޑީސީގެ އެތެރެއިން ކަންކަން ވަނީ ފައިސާ ދޭ މީހާއަށް ކަމަށެވެ. އެގޮތުން ވިނަރެސް ފްލެޓް ލިބުނީ ފައިސާ ދޭ މީހުންނަށް ކަމަށާއި އެކި އަދަދުތަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އަޅަން ފުރުސަތު ދޭކަމުގެ އަޑުތައްވެސް އިވިފައިވާ ކަމަށް ޒުހޫރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން އެޗްޑީސީގެ އެމްޑީ ފަޒުލް އަށް އެސިޓީގައި ޒުހޫރު ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ހުޅުމާލޭން ޤަވާއިދާ ޚިލާފަށް ގޯތި ތަކެއް ދޫކުރުމުގެ އިތުރުން މާކެޓް ރޭޓަށް ވުރެ ކުޑަ އަގުގައި އިއުލާނު ކުރުމެއް ނެތި މަޖިލީހުގެ ބައެއް މެމްބަރުންނަށާއި، ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކަށް ބިން ވިއްކި ކަމަށްބުނާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން