ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑްކޮށްފައިމިވަނީ ޕީއެންސީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމް ފުޑާލުމަށް ޓެރަރިސްޓު ހަމަލާ އެއް ދޭން ރާވާފައިވާ ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކެވުމާއި ގުޅިގެންނެެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މީޑިޔާ އަށް މައުލޫމާތު ދެމުން ވިދާޅުވީ، ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކަތަކެއް ނިހާދު ދެއްކެވި މައްސަލާގައި މިހާރު އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު ވިދާޅުވީ ޓޫރިޒަމަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުންދާ ކަމަށެވެ. އަދި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ޓެރަރިސްޓް ހަމަލާ އެމްޑީޕީން ދޭންއުޅެނީ ރާއްޖޭގެ ތިން ރިސޯޓަކަށް މިއަދު ހަވީރު އަރައިގެން ކަމަށެވެ. އަދި އެ ރިސޯޓަށް ބައްދަލުވުމަކަށް ދާން އެދުމުން ރިސޯޓުން އެކަމަށް ހުއްދަ ނުދިނުމުން ވެސް ގަދަ ބާރުން ރަށަށް އަރަން ތައްޔާރުވެފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ.

ހަރުގެ ޖަލްސާގައި ނިހާދު ދެއްކެވި ވާހަކަތައް އިދިކޮޅު އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. އެޕާޓީން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަން ގޮވާލާފައެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެރިކަން ކުރާ ޕާޓީން އެފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ދެކޭ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން