އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (ކ)
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (ކ)
ފަރުތުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަތައް ސާބިތު ނުވެއްޖެނަމަ އޭނާ މަޤާމުގައި އިތުރަށް ހުރެގެން ނުވާނެކަން ސަރުކާރުން ޤަބޫލުކުރަންޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވަނީ އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމް ފުނޑާލުމަށް ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާފައިވާ ކަމަށްބުނެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެމައްސަލާގައި ސަރުކާރުން މިއަދު ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ނިހާދު ރޭ އެމްޑީޕީއަށް އަމާޒުކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފައްޔާޒް މިއަދު ވިދާޅުވީ ނިހާދު ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އަޑުވެސް އަހާފައި ނުވާ ވާހަކަތަކެއްކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

“ދެނަހުރިވެސް ކަމެއް ނޫން. އަޅުގަނޑުމެންގެ ތެރޭގަ ދެކެވުނު ވާހަކަ އެއްވެސް ނޫން.” ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު ފައްޔާޒް ވިދާޅުވީ ނިހާދު ސަސްޕެންޑް ކުރުމުން ނުފުދޭ ކަމަށާއި އޭނާ ދެއްކެވީ ސިޔާސީ ގޮތުން ދައްކަން ހެޔޮ ނުވާފަދަ ވާހަކަތަކެއް ކަމަށެވެ.

“އެ ވާހަކަތައް ސާބިތު ނުވާނަމަ ސަރުކާރުން ޖެހޭނީ ނިހާދު މަޤާމުގައި ހުރެގެން ނުވާނެ ކަމަށް ޤަބޫލުކުރައްވަން.” ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ރޭބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ނިހާދު ވިދާޅުވީ މާލެ ކައިރީގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން މިއަދު ބައްދަލުވުމެއް ބާއްވަން ހުށައެޅުމުން އެރިސޯޓުން އެހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އަރާނެކަމުގެ އިންޒާރު އެމްޑީޕީން ދީފައިވާ ކަމަށް ނިހާދު ތުހުމަތު ކުރަށްވާފައިވެއެވެ.

ނިހާދުގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެއިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފައިވާ ކަމަށެވެ.

އަދި ޕީއެންސީން މިއަދު ބުނެފައިވަނީ ދިވެހި ދަޢުލަތުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންވެސްޓްމަންޓްތައް ރައްކާތެރި ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން