އަޒަރުބައިޖާނު އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ރައީސް ހިޒް އިލްހާމް ހައިދާރު އޮގްލޫ އަލިޔޭވްއަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި އެ ބޯޓުން ދަތުރު ކުރި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަޒަރުބައިޖާންގެ ވެރިރަށް ބާކޫއިން ރަޝިއާގެ ގްރޯޒްނީއަށް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓުނީ ކަޒަކިސްތާނުގެ އަކްތާއޫ އެއާޕޯޓު ރަންވޭ މައްޗަށެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މި މަތިންދާ ބޯޓުގައި 105 ދަތުރުވެރިންނާއި ފަސް ފަޅުވެރިން ދަތުރު ކުރިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 38 މީހަކު ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖްގައި ވަނީ ހާދިސާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުގައި ކަމަށެވެ. އަދި އަޒަރުބައިޖާންގެ ސަރުކާރަށާއި ރައްޔިތުންނަށާއި، ހާއްސަކޮށް ޒަހަމްވި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއިރު، މި ހާދިސާގައި މަރުވި މީހުންނަށްޓަކައި އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައި ވެއެވެ.

މި ހާދިސާގެ ސަބަބަުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް ރައީސް ޑރ. މުއިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން