ސުނާމީއާ ގުޅިގެން ބޭއްވި ސުކޫތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން
ސުނާމީއާ ގުޅިގެން ބޭއްވި ސުކޫތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން
ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.

އެ ސުކޫތުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން އެ ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސުނާމީ އެރިތާ މިއަދަށް 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރުކުރި އެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވެސް ގެއްލުނުވެ.

އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން