ދިވެހިރާއްޖެއިން ޔޫއޭއީ އަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓް ކުރުމާ ގުޅޭގޮތުން އެގައުމާ އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ޔޫއޭއީގެ ޝައިޚް މުހައްމަދު ބިން ސުރޫރް އައްނަހްޔާންއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ރާއްޖެއިން ޔޫއޭއީ އަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓް ކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މެރިކަލްޗަރ ސިނާއަތް ތަރައްގީކުރަން ޔޫއޭއީއާއެކު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ހަތަރު ސަރަހައްދެއް ކަނޑައަޅާފައެވެ. މި ހަތަރު ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، މާޅޮސްމަޑުލު އުތުރުބުރިއާއި މުލަކަތޮޅުގެ އިތުރުން ކޮޅުމަޑުލެވެ. މީގެތެރޭގައި މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ވަނީ މި މަސައްކަތަށް ކަނޑައަޅާފައެވެ.

މި މަސައްކަތް ކުރުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ ހަތަރު ސަރަހައްދުން ނަގާ ބިމަށް ލޭންޑް އިކުއިޒިޝަން ފައިސާ ނުނަގާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތުގެ ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ނުނެގުމަށާއި މި މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް އެތެރެ ކުރުމަށް ޑިއުޓީ މައާފު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން