ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ޠާރިޤްގެ ނަން ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި އޮތްނަމަ އެއީ ޠާރިޤް އަމިއްލައަށް ކުރަށްވައިގެން އުޅޭ ކަމެއްކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ތުހުމަތު ކުރަށްވައިފިއެވެ.

މުޙައްމަދު މިފަދަ ތުހުމަތެއް ކުރަށްވާފައި މިވަނީ ކުރީ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޠާރިޤަށް އެނގުމަކާ ނުލައި އޭނާގެ ނަން ޕީއެންސީގެ ދަފްތަރުގައި އޮތްކަމަށް ވިދާޅުވެ ޠާރިޤް އެ މައްސަލަ ފުލުހަށް ހުށައެޅުއްވުމާ ގުޅިގެންނެވެ.

މި މައްސަލާގައި މުޙައްމަދު ވިދާޅުވީ ޠާރިޤް ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ސީދާ ރައްޔިތުންގެ ގާތަށް ގޮސް ފޯމު ފުރައިގެން ކަމަށް މުޙައްމަދު ވިދާޅުވެފައިވެއެވެ.

“ތީ އަމިއްލައަށް ކޮށްގެން އުޅޭ ކަމެއް.” ޠާރިޤަށް ރައްދު ދެއްވަމުން މުޙައްމަދު ވިދާޅުވިއެވެ.

ހަމައެއާއެކު މިކަމުގައި ފުލުހުންނަށް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. އަދި ޕީއެންސީން މުޅި ރާއްޖޭގައި މެންބަރޝިޕް އިތުރުކުރުމުގެ ހަރަކާތް ހިންގާތާ 11 މަސްވެފައިވާ ކަމަށާއި، އެއީ ވަރަށް ސާފުކަމެއްކަން މުޙައްމަދު ފާހަގަ ކުރެއްވިއެވެ.



މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު ޠާރިޤް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވައްދަންވާނީ އެމީހުންގެ ރުހުމާ އެކު ކަމަށާއި ވެރިމީހާގެ ރުހުން ހޯދަންވެސް ނުކުރާނެ ކަންކަން ހުންނަންވާނެ ކަމަށެވެ.

މި މައްސަލާގައި ޠާރިޤް ނިސްބަތްވާ އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ގިނަ ބަޔަކު އެހެެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން ޕީއެންސީގެ ދަފްތަރުގައި އޮތްކަމުގެ ޝަކުވާ ކުރަމުން ދާއިރު ޕީއެންސީން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން އެޕާޓީގެ މެންބަރުންގެ ޢަދަދު ލައްކައަކަށް އެރުވުމަކީ އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން