ވަޒީރުން ވަކިކޮށް މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ސްޓޭބަލް ނުވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވިދާޅުވީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ. އަދި އެޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ވަޒީރުން ބަދަލުކޮށް މަގާމުތަކަށް ބަދަލުގެނައުމަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ސަރުކާރެއް ސްޓޭބަލް ނުވެގެނެއް ނޫން ވަޒީރުން ވަކިކުރަނީކީ، އެއީ ސަރުކާރެއް ސްޓޭބަލްކޮށް ހިންގަން ބޭނުންވާތީ، ސްޓޭބަލްކޮށް ރައްޔިތުންނަށް އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ގޮތަށް މަގުފަހިކުރުމަށްޓަކައި މަގާމުތަކަށް ބަދަލު ގެނައުމަކީ އާކަމެއް ނޫން،" އަބުދުއްރަޙީމް ވިދާޅުވިއެވެެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ ސަރުކާރެއް ހިގަމުންދާއިރު ބަދަލުތައް ގެންނަންޖެހޭ ހާލަތުތައް އަންނާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީން މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައީސަށް ދީފައިވަނީ އެކަމަކަށް އެންމެ އެކަށީގެންވާ ބޭފުޅަކު އައްޔަންކުރުމުގެ ބޭނުމުގައި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އެހާލަތާއި ގުޅޭ ބަދަލުތައް ނުގެންނަ ކަމަށް ވަންޏާއި އޭގެ ސަބަބުން ލިބޭނެ ގެއްލުންތަކެއް ވެސް ހުންނާނެ، އެހެންވީމަ އެގޮތަށް ގެނެވޭ ބަދަލުތަކެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، އެއްގޮތަކަށް ވެސް މިއީ ސަރުކާރު ސްޓޭބަލް ވުމާއި ނުވުމާއި ގުޅުން ހުރި ކަމެއް ނޫން،" ރައީސް މުޢިއްޒުގެ މުޝީރު ކަން ވެސް ކުރެއްވި އަބުދުއްރަޙީމް ވިދާޅުވިއެވެ.

ދާދިފަހުން ރައީސް މުޢިއްޒު ވަނީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، އެ މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ ހަވާލުކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް، ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގި ޕްލޭނިންގެ މަސައްކަތްތައް ބަދަލުކުރައްވާ އެ މިނިސްޓްރީއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ނަމުން ވަނީ ނަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން