ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
މިސަރުކާރުގެ ސިޔާސަތަކީ ސިޔާސީ މުވައްޒަފުން ގިނަކޮށް ބަޖެޓުގައި ހުރި ހުރިހާ ފައިސާއެއް ދީ ހުސްކުރުން ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި ބަސްދީ ގަތުމެއްގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ މުވައްޒަފުން ގިނަކޮށް ބަޖެޓުގައި ހުރި ހުރިހާ ފައިސާއެއް އެބޭފުޅުންނަށްދީ ހުސްކުރުން ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުން އެއްވެސް ރަށެއްގައި އިޤްތިޞާދީ ޕްރޮޖެކްޓެއް ނުހިންގާކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވި އަހަރެއް ކަމަށެވެ. ހަމައެއާއެކު މަސްވެރިކަމާއި ފަތުރުވެރިކަމާއި ޢިމާރާތްކުރުމުގެ ސިނާޢަތަށް މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ގޮންޖެހުން ބޮޑު އަހަރަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހު ރައްޔިތުން ތިބީ ނިކަމެތިކަމެއްގެ ތެރޭގައި ކަމަށާއި ފާއިތުވި އަހަރަކީ ރައްޔިތުން އިޤްތިޞާދީ ގޮތުން އިތުރަށް ފަޤީރުވެގެން ދިޔަ އަހަރެއް ކަމަށެވެ. ޚާއްސަކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް ހުއްޓުނުކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

“މަސްވެރިން ބާނާ މަހަކަށް ލާރިއެއް ނުލިބޭ. ތެލެއް ނުލިބޭ، މަސްވެރިން މަހަކަށް ނުފުރާ. އަޅުގަނޑުމެންނަށް މި ފެންނަނީ މަސް އެކްސްޕޯޓް ކުރާ މިންވަރުވެސް ބޮޑުތަނުން ދަށްވެފައިވާ މަންޒަރު.” އަމީރު ވިދާޅުވިއެވެ.

އޭގެއިތުރުން ޢިމާރާތްކުރުމުގެ ސިނާޢަތުގެ ކުދި އަދި މެދުފަންތީގެ ކުންފުނިތައް އިނދަޖެހި، ބަނގުރޫޓު ވެފައިވާކަން ފާހަގަ ކުރަށްވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބަނަ ދުވަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ރަނގަބީލު ޖަހަމުންދާ ކަމަށެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ފަހި އަހަރަކަށް ވާނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން