ރައީސް މުއިއްޒު
ރައީސް މުއިއްޒު
ސިޔާސީ ޖަޒުބާތަށްވުރެ ޤައުމީ އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި މީސްމީޑިއާގެ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވުމަށް ހިތްވަރުގަދަ ޤައުމީ ޖިހާދެއް ކުރެއްވި ބަޠަލު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ މަތިވެރި ޤުރުބާނީގެ ޒިކުރާ ވަނީ އައުކުރައްވާފައެވެ. އަދި އެ މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.

ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި، މި ޒަމާނުގައި ޤައުމުގެ މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނަންޖެހިފައިވާ ކަމަށެވެ.

އަދި މާޒީގެ ތާރީޚުން ޢިބްރަތް ޙާޞިލުކޮށް، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ސިޔާސީ ޖަޒުބާތުތަކަށްވުރެ ޤައުމީ އިޚްލާޞްތެރިކަން ކުރިއަށް ނެރެންޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ ބަދަލުގައި މުޅި ޖަމާޢަތުގެ ލާބައާއި މަންފާ އިސްކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ޙަސަދަވެރިކަން އެއްކިބާކޮށް، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް އިސްކަންދިނުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.

ހަމައެއާއެކު، ދަރަނީގެ އަޅުވެތިކަމުގައި ޤައުމު ފަނާވެދިޔަ ނުދީ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ފުދުންތެރި، ފާގަތި މުސްތަޤުބަލަކަށް އަމާޒު ހިފުމަށްވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ޤައުމަށް ކުރިއެރުމާއި، ކާމިޔާބީއާއި، އާރޯކަން ދެއްވައި، މި ލޮބުވެތި ވަޠަން އަބަދަށްޓަކައި މިނިވަންކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ދިވެހި ތާރީޚުގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަހަކީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ، އަލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ހޮޅިންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ތާރީޚީ މުނާސަބަތެވެ.



ކިޔުންތެރިންގެ ހިޔާލު