ރައީސް ޑރ. މުޢިއްޒު ފިޔޯރީގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ފިޔޯރީގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ހަރަދު ކުޑަކުރުމުގެ ގޮތުން، ކައުންސިލް މެންބަރުން އިންތިހާބުކުރަން މިހާރުއޮންނަގޮތް ބަދަލު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާންމު ބަހުސަކަށް ހުޅުއްވައިލައްވައި އައު ހިޔާލުފުޅެއް ހުށައަޅުއްވައިފިއެވެ.

ލޯކަލް ކައުންސިލްތައް މިހާރު އެކުލެވިގެންވާގޮތުން އެ ނިޒާމު ވެފައިވަނީ ވަރަށް ހަރަދު ބޮޑު ނިޒާމަކަށް ކަމަށާއި އެކަން ބަދަލު ކުރުމަށް ކުދި ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް އެކަމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެފަހަރު ވިދާޅުވީ، ކުދި ރަށްރަށުގައި ރައީސާއި ނާއިބު ރައީސް ހުންނެވުމުން ފުދޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ބޮޑެތި ރަށްރަށަށް އާބާދީއަށް ބަލައި މެންބަރުން އިންތިހާބުކުރާ އަދަދު އިތުރުކުރެވިދާނެކަމަށެވެ. އެފަހަރު ވެސް ރައީސް ވަނީ އެއީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށް ވިދާޅުވެ އެކަމަށް ދިރާސާތަކެއް ހަދަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އޭގެފަހުން މިރޭ ގދ. ފިޔޯރީގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރުކޮށްފާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން، ރަށްރަށު ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުންގެ އަދަދު މަދުނުކޮށް، ރައީސާއި ނާއިބު ރައީސަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްފަހު ދެން އިންތިހާބުކުރާ މެންބަރުންނަކީ ޕާޓްޓައިމް ބަޔަކަށް ހެދުމަކީ މިހާރު އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބުކުރާނީ ކައުންސިލްގެ ރައީސްގެ މަގާމަށާއި، ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުން ކަމަށް ކަނޑައަޅައި، ދެން ހަމަ މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރާނީ، ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް ވަކި އެލަވެންސެއް ލިބޭ ގޮތަށް، ސިޓިންއަށް އެލަވެންސް ދޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް އެކަން އޮންނަގޮތް ކަމަށެވެ.

އިތުރު ހިޔާލުފުޅެއްގެ ގޮތުގައި ރައީސްވަނީ، ކައުންސިލްގެ ރައީސް އިންތިހާބަށް ނުކުންނަވާއިރު ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ނަންގަވައިގެން ނުކުންނަވާގޮތަށް ވެސް ހެދިދާނެކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވެސް އެގޮތަށް ބަދަލު ކުރެވިދާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ހަރަދު ކުޑަކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅުތަކެއް ކަމަށާއި އެކަމުގައި ރައްޔިތުން ވެސް ބަހުސްކުރައްވައި ހިޔާލު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން