ޑީއެންއާރުގެ މީޓިންގ ހޯލްގައި ޕީއެންސީގެ މެންބަރޝިޕް ފޯމު ފުރަނީ
ޑީއެންއާރުގެ މީޓިންގ ހޯލްގައި ޕީއެންސީގެ މެންބަރޝިޕް ފޯމު ފުރަނީ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރުގެ މީޓިންގ ހޯލްގައި ޕީއެންސީގެ މެންބަރޝިޕް ފޯމު ފުރިކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ޑީއެންއާރުގެ މަސައްކަތް ދައްކާލުމަށް މިއަދު ނޫސްވެރިން ގެންގޮސްފައިވާއިރު، ޕީއެންސީގެ ފޯމު ފުރި މީޓިންގް ރޫމް ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި އެރޫމް އެދުވަހު ދޫކުރީ މިނިސްޓަރުގެ ބިއުރޯއިން އެދިގެން ކަމަށް މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މަޖީދު ވިދާޅުވިއެވެ.

“އެތަނުގެ ތެރޭގައި ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރާތް ތި ކުރައްވާ މަސައްކަތަކީ.” މަޖީދު ވިދާޅުވިއެވެ.

މަޖީދު ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުގައި 56 ސިޔާސީ ބޭފުޅުން ތިއްބަވާ ކަމަށާއި އަދި އެބޭފުޅުން 1500 އެއްހާ ފޯމު ޕީއެންސީއަށް ހުށައަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މައްސަލާގައި ސީރިއަސް ތުހުމަތުތަކެއް އޮތްނަމަ އެކަމާގުޅޭ ތަހުގީގު ކަމާބެހޭ އިދާރާއަކުން ހިންގުމުން އެކަމުގެ ޙަގީގަތް ހާމަވެގެން ދާނެ ކަމަށްވެސް މަޖީދު ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުއާ ހަވާލުވެ ހުންނެވި އަހުމަދު ޢާލީ ވިދާޅުވީ އޭނާ އެތަނަށް ވެންނެވީ ޕިއްޒާއެއް ކެއުމަށް ކަމަށެވެ. އަދި އެތަނުގައި ހިނގާދިޔަ ކަމެއް ނުބައްލަވާ ކަމަށްވެސް އާލީ ވިދާޅުވިއެވެ.

“ބިއުރޯ މެދުވެރިކޮށް ރިކުއެސްޓްއައީ. ޗެކްކޮށްލަންޖެހޭނީ. އޮންނަ އުސޫލުން މީޓިންގް ރޫމް ދޫކުރަމުންދަނީ. ދޫކުރާއިރު އެއްވެސް ވަރަކަށް ނުބަލާނެ ދޫކުރަނީ ކޮންކަމެއްގައިކަން.” އާލީ ވިދާޅުވިއެވެ.

އޭގެއިތުރުން ޢާލީ ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކުގައި ޑީއެންއާރުގެ އެއްވެސް މުވައްޒަފެއް ނުފެންނާނެ ކަމަށެވެ.

ޑީއެންއާރުގެ ތެރޭގައި ޕީއެންސީގެ ފޯމްތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުން ދާއިރު ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް ވަގުފޯމް ހުށައަޅާ މައްސަލަ ބޮޑުވެ އީސީން ވަނީ އެފަދަ ބައެއް ފޯމުތަކުގެ މައްސަލަތައް ފުލުހުންނަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން