ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅި (ކ)
ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅި (ކ)
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވި ހާދިސާއާ ގުޅިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ.

އެގޮތުން އެފްބީއައިގެ ޓީމަށް، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

“އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި.” ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މުރާޖަޢާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ޒަކިއްޔާގެ މަރާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭނެ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ.

އެގޮތުން ޒަކިއްޔާގެ ހަށިގަނޑު އޮތް ގުދަން ތެރެއާއި ގޭތެރޭގެ އިތުރުން، ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް، ސްޓްރަގްލްއެއް ނުވަތަ އެއްވެސް އިތުުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއްގެ ނިޝާނެއް ފާހަަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެއާއެކު މި ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގާޕްރިންޓު ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މި ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް ކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ. އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ނެތް ކަމަށް ބުނާ ވާހަކަތައްވެސް ފުލުހުން ދޮގުކުރެއެވެ.

ބޭރުފުށުން ފެންނަންހުރި ބޮޑެތި ޒަހަމްތަކަކާއެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ދިހަ ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ.

ޒަކިއްޔާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އެ ރަށުގެ ތެރޭގައި އަޑު ފެތުރުނެވެ.

ފުލުހުން މިއަދު ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން އަދިވެސް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން